"ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާނަމަ ފިޔަވަޅު އަޅާނަން"
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ ބައެއް އެއްވުންތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމުފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާރައްޔިތުން، ޚާއްސަކޮށް ޒުވާނުން ހިންގާ ހަރަކާތްތަކަށް މަރުހަބާ ކިޔާކަމަށެވެ.
ނަމަވެސް ހެޔޮ ނިޔަތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ހިންގާ ހަރަކާތްތަކުގައި ބައެއް ފަރާތްތަކުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްޞަދާއިވެސް ޚިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ބައެއް މީޑިއާތަކުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ހަބަރު ފެތުރުމާއި އެފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް އަނިޔާކޮށް ގޯނާ ކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާ މެދު ކަންކަން ކުރަން ޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮންމެ ފަރުދަކާއި މެދުވެސް ޤާނޫނުގައިވާ ގޮތުގެމަތީން ޢަމަލުކޮށް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރި ކުރުމަކީ ފުލުހުންގެ މަސްޢޫލިއްޔަތަކަށް ވީހިނދު ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވީހިނދު ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ، މުއައްސަސާތައް ޒިންމާދާރުކުރުމަށް ގޮވާލާ ފަރާތްތަކުން ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށްވެސް ފުލުހުން ބުނެއެވެ.
ނަމަވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދުޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުނެއެވެ.