ރަައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީގެ މަގާމަށް ހަމްދާން އައްޔަންކޮށްފި

ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީގެ މަޤާމަށް އެ އޮފީހުގައި އަންޑަރ ސެކްރެޓަރީގެ މަޤާމުގައި މަސައްކަތް ކުރައްވާ އަހުމަދު ހަމްދާން، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ހަމްދާން މި މަޤާމަށް އައްޔަން ކުރައްވާފައި މިވަނީ މި މަޤާމުގައި ކުރިން ހުުންނެވި އައިމިނަތު ޝައުނާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް މިއަދު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ހަމްދާންއަކީ ޕޮލިސީ ސްޓަޑީޒް އިން ބެޗްލާސް ޑިގްރީ އާއި ޑިމޮކްރެސީ އެންޑް އިލެކްޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.
ހަމްދާން ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ މަގާމަށް 2018 ވަނަ އަަހަރު އައްޔަން ކުރައްވައިފައި ވާއިރު، އޭގެ ކުރިން ވެސް ހަމްދާން އަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޔޫއެންޑީޕީ އަދި ބްރިޓިޝް ހައިކޮމިޝަންގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.