3 މުއާހަދާ އަކަށް ލަފާ ހޯދަން ފޮނުވަން ރައީސް ނިންމަވައިފި
ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ތިން މުއާހަދާ އަކަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ފޮނުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމެވީ ރިވައިސްޑް ކިޔޯޓީ ކޮންވެންޝަން (އާރްކޭސީ) ގައި ސޮއިކުރެއްވުމާއި 1996 ގައި އުފައްދާފައިވާ އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕަކްސް) ގައި ބައިވެރިވުމާއި ކޮންވެންޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވުމަން (ސީޑޯ) މުއާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒުތައް އަނބުރާ ގެންދިއުމެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ތިން މުއާހަދާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ކެބިނެޓް ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށް ފަހު އެވެ.
އެ އޮފީހުން ބުނީ އާރްކޭސީ ނުވަތަ "ދަ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖިއާސް" އަކީ ދުނިޔޭގެ ކަސްޓަމްސް އޯގައިނައިޒޭޝަންގެ މުއާހަދާ އެއް ކަމަށާއި މިއީ ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި އަސާސްތަކާއި ސްޓޭންޑަޑްތަކާ ގުޅޭ މުއާހަދާ އެއް ކަމަށެވެ. މީގެ މަގްސަދަކީ ދޭދޭ ގައުމުތަކުގެ ކަސްޓަމްސްގެ އުސޫލްތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތް ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކަސްޓަމްސް ކޮންޓްރޯލްކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ވިޔަފާރިއަށް ލުއިފަސޭހަކޮށް ދިނުން ކަމަށް ވެސް އެތަނުން ބުންޏެވެ.
އެޕެކްސް ކޮމިޝަން އުފެއްދާފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުގެ ނިޒާމް ހަރުދަނާކުރަން މަސައްކަތް ކުރާ އިސް ފަރާތްތައް، އެއް ތަނަކުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު އެ ކޮމިޝަނުގެ ބައްދަލުވުންތައް ބާއްވަ އެވެ.
ސީޑޯ މުއާހަދާއިން ނަގަން ނިންމާފައި ވަނީ އޭގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޒްތަކެވެ. މިއީ ތައުލީމް ހާސިލްކުރުމުގެ އާއި ސިއްހީ ފަރުވާ ހޯދުމުގަ އާއި އާމްދަނީ ހޯދުމުގަ އާއި ސިޔާސި ކަންކަމުގައި ބައިވެރިވުމުގަ އާއި މަދަނީ ހައްގުތަށް ހޯދިނުމުގައި އާއިލާއާ ގުޅުންހުރި އެކި ކަންކަމުގައި އަންހެނުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާއި އަންހެނުންނަށް ކުރެވޭ ތަފާތުތައް ނައްތާލަން ހަދާފައިވާ މުއާހަދާ އެކެވެ.