ޚަބަރު

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، އެކަމަކު ލިބެނީ ބޮނޑި: ގާސިމް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ރެ އާއި ދުވާލު މަސައްކަތްކުރަނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އޭނާ އަށް ލިބިވަޑައިގަންނަވަނީ ބޮނޑި އާއި އަނިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ ޖޭޕީގެ ހަޔާތުން 13 އަހަރު ފާއިތުވެގެންދާއިރު އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެންމެ ހެޔޮ ގޮތްތައް ހޯދުމަށް ކަމަށެވެ. ޖޭޕީ މިހާރު ފެންނަނީ ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ގާސިމް ވަނީ ކޮންމެ ފަހަރަކުވެސް ޖޭޕީގެ ހަރަކާތްތައް ހުއްޓެނީ ސަބަބުތަކަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

"ޑިމޮކްރަސީއެއް ގެނެސް ފައްކާކޮށް، އަޅުގަނޑުމެން ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް މި ކުރަނީ ރެ އާއި ދުވާލު. އެ މަސައްކަތް ކުރަމުންދާ އިރު، މިހާރުއްސުރެ ފަށައިގެންފި ނަމަ، އަޅުގަނޑަށް އެބަ އާދޭ ވަރަށް ބޮޑެތި ލޮޓި އާއި ބޮނޑި އާއި އަނިޔާ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މަދު ބަޔަކު ގަބޫލުނުކުރި ނަމަވެސް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަން ހޭބުއްދިހުރި ކޮންމެ މީހަކު ގަބޫލުކުރާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތްތަކުން ބޮޑެތި އަނިޔާތައް ލިބެމުންދާ ކަމަށާ އެ މަސައްކަތް ނުކޮށް ހުންނަވާނަމަ އާއިލާއާއި އަނބިދަރިން އަދި މުދަލަށްވެސް ފައިދާއާއި ރައްކާތެރިކަން ބޮޑުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަސިފައިގައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ފެންނަމުންދާ މަންޒަރުތަކާމެދު ވިސްނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑަައިގެންފައެވެ. އަދި ފަނާކުރަނިވި ފިކުރުތަކާއި ދުރުވެ، ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާވާން ބަޔަކާއެކު ތިބުމަށް ގާސިމް ގޮވާލެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!