ޚަބަރު

ހައްޖަށް ދެވޭނެ ކަމަށް ސައުދީން ރާއްޖެއަކަށް ނާންގާ: އިސްލާމިކް މިނިސްޓަރު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 މި ނުރައްކާތެރި ދަނޑިވަޅުގައި ޚާއްސަ ފިޔަވަޅު ތަކަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ ކަމުގައި ބުނި ނަމަވެސް ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ ކަމަށް ސައުދީން އަދި ރާއްޖެއަށް ނާންގާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން، ސައޫދީ އަރަބިއްޔާއިން މިދިޔަ އަހަރު އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް އުސޫލެއް އެ ގައުމުން ހަމަޖައްސައިފައިވީ ނަމަވެސް، މި އަހަރު އަދި އެފަދަ އުސޫލެއް ހަމައެއް ނުޖައްސައެވެ.

ނަމަވެސް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ، ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީގައި އުޅޭ، އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް ކަމަށާއި، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެ ބަލި ޖެހި ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށް ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރި ވެވޭނެ ކަމަށެވެ. އެހެން ނަމަވެސް، މީގެ ތެރެއިން އަމަލުކުރާނީ ކޮން ގޮތަކަށް ކަމެއް އަދި އެ ގައުމުން ނުނިންމާ ކަމުގައި ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، ސައޫދީން މި އަހަރު އަމަލުކުރާނެ މިންގަނޑުތައް ވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި، ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މިހާތަނަށް އަންގައިފައި ނުވާ ކަމަށެވެ. ކުރީގެ އަހަރުތަކުގައި އެ ގައުމުގެ ހައްގު މިނިސްޓްރީން ގައިޑްލައިންތަކާއި އެއްބަސްވުންތައް ވެސް މިހާތަނަށް ފޮނުވާ ކަމަށާއި މިފަހަރު އަދި އެ ލިޔެކިޔުންތައް ވެސް ނުލިބޭ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ހައްޖުގެ އަޅުކަމަށް މިހާ ކުޑަ ވަގުތުކޮޅެއް ލިބިފައިވީ ނަމަވެސް އެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ހިފާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!