ޚަބަރު

ހުރިހާ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވާން ފެށުމާއެކު އެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފިއެވެ.

Ads by MWSC

އޮންލައިން ނޫސް "އަވަސް" އަށް މަައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު މިރޭ ވިދާޅުވީ ފަރުޟު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށާއި އެ އެންގުމާއި ގުޅިގެން މިއަދުން ފެށިގެން ގުނޫތު ނާޒިލާ ކިޔަން ވާނެ ކަމަށެވެ.

"މީގެ ކުރިން ވެސް ކިޔަމުން އައި ގޮތަށް ގުނޫތު ނާޒިލާ ކިޔުމަށް އަޅުގަނޑުމެންވާނީ އަންގާފައި. ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ޤުނޫތު ކިޔަމުންދާނީ،" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ޤުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ދުއާ (ޤުނޫތު) އެކެވެ. މާތް ރަސޫލާ (ޞޢވ) ވެސް ބޮޑެތި ކާރިސާއެއް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ވިދާޅުވިއެވެ. އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާ ގުޅިގެން ވެސް އެކަލޭގެފާނު ވަނީ ގުނޫތު ނާޒިލާ ވިދާޅުވެފައި ކަމަށް އިސްލާމީ ތާރީޚުން ހާމަވެފައިވެއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މިއަދު ވެސް ރާއްޖެއިން 1204 މީހުން ،މި ބައްޔަށް ފައްސި ވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!