ދުނިޔެ

ހަމާސްގެ ބަދަލު ހަމަލާ: އިސްރާއީލްގެ ދެ މީހަކު މަރައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ހާމާސް އިން ހަމަލާދިން އިސްރާއީލުގެ އިމާރާތެއް

އިސްރާޢީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް، ފަލަސްތީނުގެ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާޢަތުން ދިން ހަމަލާތަކުގައި އިސްރާއީލްގެ ދެ މީހަކު މަރާލައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވަނީ މިހާތަނަށް 300 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައެވެ. އަދި 30 މިނެޓް ތެރޭ 70 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. މިހަމަލާތަކުގައި 2 މީހަކު މަރުވެ، 6 މީހަކަށް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކުރެއެވެ.

ހަމާސް އިން ބުނެފައި ވަނީ ހަމަލާ ދޭން ނިންމާފައި ވަނީ އިސްރާއީލުން ހުރިހާ ރޮގެއް ފަހަނަ އަޅާ ދިއުމުން ކަމަށާއި އަދި އިސްރާއީލް ފަހަތަށް ނުޖެހިއްޖެނަމަ އިތުރު ހަމަލާތަށް ކުރިޔަށް އޮތް ތަނުގައި ވެސް ދޭނެ ކަމަށެވެ.

މިހާރު ކުރިއަށް ދާ ހަމަނުޖެހުންތަކުގައި ފުރަތަމަ ހަމަލާ ދީފައި ވަނީ އިސްރާއީލުންނެވެ. މިގޮތުން އިސްރާއީލުން ވަނީ ގާޒާއަށް ވައިގެ މަގުން ރޮކެޓް ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 26 މީހަކު ވަނީ ޝަހީދުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ.

ހަމާސްގެ މިހަމަލާ އާ ގުޅިގެން އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޒް ބުނެފައި ވަނީ ހަމަލާއާ ގުޅިގެން މިހާރު މަޝްވަރާ ތަކެއް ކުރެވެމުން އަންނަ ކަމަށާއި އިސްރާއީލަށް ދޭ ކޮންމެ ހަމަލާއަކަށް ބޮޑު ބަދަލު ހިފުމެއް ހިފާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!