އެކައުންޓަށް ފައިސާ ވަތް ގޮތް މަޖިލީހަށް ކިޔައިދޭން ބޭނުން: މޫސަ
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ މަނިކު) އަށް 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް މަޖިލީހުގައި ޖަވާބު ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ބައިތަކެއް ކަމަށް ބުނާ ލިޔުންތަކެއް ރޭ ވަނީ ލީކު ވެފައެވެ. އެ ލިޔުންތަކުން ހާމަވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ފައިސާއިން ރީކޯ މޫސާއަށް ޖުމްލަ 100،000 އެމެރިކާ ޑޮލަރު ނުވަތަ 1.5 މިލިއަން ދިވެހި ރުފިޔާ ދީފައި ވަނީ ރިސޯޓު ހަދަން ދޫކުރި ފަޅެއް ނުވަތަ ރަށެއްގެ އިކުއިޒިޝަން ކޯސްޓުގެ ތެރެއިން ލިބުނު ފައިސާއިންނެވެ. އެ ފައިސާ ދިން ކަމަށް ބުނެފައި ވަނީ އެސްއޯއެފް ކުންފުނީގެ ވެރިޔާ ޢައްލާމް ލަޠީފް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން "ދެން" އިން ރީކޯ މޫސައާ ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޖަވާބު މިފަހަރު ހަމައެކަނި ނޫސްތަކަށް ދެއްވަން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށާއި، ބޭނުންފުޅު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، މިކަން ހިނގައިފައިވާ ގޮތް އެ މަޖިލިހުގެ ކޮމިޓީގައި ލައިވްކޮށް ކިޔައިދެއްވަން ކަމަށެވެ.
"އަޅުގަނޑު ދެންމެ ޓްވީޓު ކޮށްފިން އެކަމާ ބެހޭގޮތުން 2019 ގައި ވެސް އަޅުގަނޑުގެ ނަން އިނޭ އެޔަށް އަރާފަ. އެކަމާ ބެހޭގޮތުން އެޔަށް ޖަވާބު ދާރީ ވީން އޭރުގައި ނޫސްތަކަށް ވެސް. މިފަހަރު އަޅުގަނޑު މިކަމުގައި ޖަވާބުދާރީ ވާން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ގޮސް، އެ ކޮމިޓީގައި ލައިވްކޮށް" ރީކޯ މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ކުރިން ވެސް މިވާހަކަތައް ކިޔައިދެއްވި ކަމަށާއި ނަމަވެސް "އެވަރު ކަމުނުގޮސްގެން" އަނެއްކާ ވެސް ލިސްޓަށް ނަން ލައިފައި އޮތް ކަމަށެވެ. އެހެންކަމުން އަމިއްލަ އަބުރު ސަލާމަތް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެމަނިކުފާނަކީ "ވައްކަން ކުރާ މީހެއް ނޫން" ކަމަށެވެ.
މޫސަ ވިދާޅުވީ އެމަނިކުފާނަކީ މަޖިލިހާއި އަދި އެ ކޮމިޓީއާއި ވެސް ދުރު މީހެއް ނޫން ކަމަށާއި، މި ދެކެވޭ ވާހަކަތަކާ ގުޅިގެން އެކި ނޫސްތަކުގައި އެކި ގޮތަށް ލިޔަން ބޭނުންފުޅު ނުވާތީ މަޖިލިހުގައި ލައިވްކޮށް މިވާހަކަ ސާފު ކޮށްދެއްވަން ބޭނުންފުޅުވާތީ އެކަމަށް އެދިލައްވާފައިވާ ކަމަށެވެ.