މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ތ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ގަޑިޔަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައi ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު 6:45 އިން 10:00 އަށެެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.