މުޅި ރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުގެ ބާނިތައް ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށްކަމަށެވެ. އެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އަދި ގަޑިޔަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިޔަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.
މި ރަށްތައް ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުމު 10:00 ފެށިގެން 15:00 އާ ހަމައަށެވެ.
އުތުރުގެ އިތުރުން ދެކުނަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ދެކުނު އަތޮޅުތަކަށް ވެސް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ އިރު އެ ސަރަހައްދުގައި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.
މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑު ދަތުރަށް ނިކުން އުޅަނދުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.