ޚަބަރު

އިދާރާތަކުން އަހަރީ ރިޕޯޓު ފޮނުވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގައި ބަޔާންކުރާ "އަހަރީ ރިޕޯޓު" ދައުލަތުގެ އިދާރާތަކުން ތައްޔާރުކުރައްވައި ފޮނުއްވައި ދެއްވުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ މި ރިޕޯޓު ވޭތުވެދިޔަ ފަސް އަހަރު (2014 އިން 2018 އަށް) ދައުލަތުގެ ގިނަ އިދާރާތަކަކުން ހުށަހަޅުއްވާފައި ނުވާކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ މި ރިޕޯޓު ތައްޔާރުކޮށް ފޮނުވުމުގެ ޒިންމާއަކީ ޤާނޫނުން އިދާރާގެ އިންފޮމޭޝަން އޮފިސަރު ކުރައްވަންޖެހޭ ކަމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު، ރިޕޯޓު ފޮނުއްވާފައި ނުވާ އިދާރާތަކުން، 2019 ޑިސެންބަރު 31 ގެ ކުރިން، ކޮންމެ އަހަރެއްގެ މަޢުލޫމާތު ވަކިން އެނގޭނޭ ގޮތަށް، ފަސް އަހަރުގެ ރިޕޯޓު ފޮނުއްވަންޖެހެއެވެ. އަދި 2019 ވަނަ އަހަރުގެ ރިޕޯޓު 2020 ޖެނުއަރީ 31 ގެ ކުރިން ފޮނުއްވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

"އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު" އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެއްވޭނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 2014 ޖުލައި 13 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!