"ހަމަލާތަކުގައި ބިމާ ހަމަކޮށްލި އިމާރާތްތަކުގައި ދަށުވެފައި ތިބި ކުޑަކުދިން ރޯ އަޑު އިވޭ"
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ، އިސްރާއީލުން ވަނީ ޣައްޒާއަށް 150 ރޮކެޓް ހަމަލާ ދީފައެވެ. މިއީ 2000 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް އެއް ވަގުތެއްގައި އެންމެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލި ފަހަރެވެ. ރޭ ދިން ހަމަލާތަކުގައި 33 މީހަކު ޝަހީދުވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ޝިފާ ހޮސްޕިޓަލުގެ ހެޑް އޮފް އިންޓާނަލް މެޑިސިން، ޑރ.އައިމާން އަބޫ އަލް-އައުފް ހިމެނެއެވެ.
ބިމާހަމަކޮށްފައިވާ އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މިހައިތަނަށް 5 ކުއްޖަކު އިމާރާތުގެ ދަށުން ވަނީ ސަލާމަތްކޮށްފައެވެ.
ޣަައްޒާގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ ހަރަކާތްތެރިވަމުން އަންނަ މެދަޓް ހަމްދާން ވަނީ ފެނުނު މަންޒަރުތައް އަލް-ޖަޖީރާއާ ހިއްސާކޮށްފައެވެ.
"އިމާރާތްތަކުގެ ތެރެއިން މީހުންނާއި ކުޑަކުދިންގެ ހަޅޭކުގެ އަޑުއިވޭ. އަހަރެމެން މިދަނީ އަހަރެމެންނަށް ވީވަރަކުން އެހީތެރިވަމުން." ކެނޑިނޭޅި 11 ގަޑިއިރު މަސައްކަތުގައި އުޅެމުން ނެގި އެންމެ 10 މިނެޓްގެ ބްރޭކްގައި ހަމްދާން ބުނެފައިވެއެވެ.
ހަމްދާން ބުނެފައި ވަނީ މަރުވެފައި ތިބޭ މީހުން ފެނުމުން އެހާ ބޮޑަށް އަސަރު ނުކުރާ ކަމަށާއި އެހެން ނަމަވެސް ގާތަކާއި ދަނޑުތައް ގަޔަށް ހެރިފައި ތިބި ކުޑަ ކުދިންގެ ފުރާނަ ނެތް ހަށިތައް ނަގަން ޖެހުމުން ހިތަށް ވަރަށް އަސަރު ކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މަރުވެފައި އޮތް 3 ކުޑަ ކުދިން އޭނާ ވަނީ އިމާރާތްތަކުގެ ދަށުން ނަގައިފައެވެ.
"3 ކުދިން އަހަރެން ވެސް ނެގިން ގާތަކުގެ ތެރެއިން. އެކުދިން ނަގައިގެން ދިޔައިރު ތުރުތުރެއްލި، އެކުދިންގެ ކުށަކީ ކޮބައިތޯ ސުވާލުކޮށްލެވުނު. އެކުދިން އީދުގެ އުފަލުގައި ބައިވެރި ނުވެވޭ ހިނދު މިއަދު އެކުދިންގެ ފުރާނަ ދުއްވާލަން ޖެހުނު ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ހިތަކަށް ނާރާ." ލޮލުން އައި ކަރުނަތައް ފުހެލަމުން ހަމްދާން ކިޔައިދިނެވެ.
ހަމްދާން އިތުރަށް ބުނެފައި ވަނީ އެންމެ އުފާވީ 11 އަހަރުގެ އަންހެންކުއްޖަކު ސަލާމަތް ކުރެވުމުން ކަމަށާއި އަދިވެސް މަސައްކަތް ހުއްޓައި ނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ.
"ފޯން ރިންގްވާން ފެށުމުން އަހަރެމެން އަޑަށް ބަލައިގެން ދިޔައީ. ދެން ކުއްޖަކު ރޯއަޑު އިވެން ފެށުމުން އެތަން ކޮނުނީ" ކަރަންޓް ނެތުމުން ކަނު އަދިރީގައި ބައްތިއެއްގެ އެހީގައި ބޮޑު އިމާރާތެއްގެ ވެއްޓިފައި އޮތް ގާތަށް ނެގުމުގައި މަސައްކަތް ކުރި ހަމްދާން ބުނެފައިވެއެވެ.