ޚަބަރު

ދީލަތި ދިވެހީންނަށް ސާބަސް! ދިވެހީންގެ އެހީގައި ޝިފާ ހޮސްޕިޓަލަށް ކަރަންޓް ލިބިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ، އައްޝިފާ ހޮސްޕިޓަލަށް ކަރަންޓް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ދިވެހީން ހައްލެއް ހޯދައިދީފިއެވެ.

Ads by STELCO

މިކަން އިޢުލާން ކުރަމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފައި ވަނީ ދިވެހީންގެ ފަރާތުން 2547 ލީޓަރުގެ ތެޔޮ އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މި އެހީއަށް ދިވެހީން ވަނީ 60،000އަށް ވުރެ ގިނަ ފައިސާ ޚަރަދު ކޮށްފައެވެ.

އިސްރާއީލްގެ ސިފައިން މިހާރު ޣައްޒާއަށް ދޭ ހަމަލާތަކުގައި ޒަހަމްވެ އަނިޔާވާ މީހުންނަށް ފަރުވާ ދިނުމުގައި ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ހަމަލާތަކުގެ ސަބަބުން މަގުތައް ބަންދުވުމާ ގުޅިގެން ހޮސްޕިޓަލަށް ދަތުރުކުރުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ. އިސްރާއީލްގެ މި އުދުވާނުގައި ޝިފާ ހޮސްޕިޓަލްގެ އެންމެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.

ދިވެހީންގެ މި އެހީއާ ގުޅިގެން އައިއޭސީގެ މީޑިއާ ޑައިރެކްޓަރ އަޒުހަދު ވިދާޅުވީ ދިވެހީންގެ މި އެހީގެ ސަބަބުން ފަރުވާ އަނިޔާ ލިބެމުންދާ މުސްލިމުންނަށް ލިބިގެން އެ ދިޔައީ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އެގޮތުން އާންމުކޮށް ވެސް 24 ގަޑިއިރު ކަރަންޓް ލިބުމުގައި ދަތިކަން އޮންނަ އެ ހޮސްޕިޓަލަށް ލިބިގެން އެ ދިޔަ އެހީގެ ސަބަބުން ނިކަމެތިވެފައި އެ ތިބި ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީން ދަނީ ޣައްޒާގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން ދިވެހީންގެ ފައިސާގެ އެހީއާއި ކާބޯތަކެތީގެ އެހީ އެ ޖަމްޢިއްޔާއިން ވަނީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އެ ޖަމްއިއްޔާއިން ވަނީ ، ބޮން އެޅުމުގެ ސަބަބުން މަގުމަތިވި 90 އާއިލާއަކަށް 100 ޔޫއެސް ޑޮލަރު މަގުން އެހީތެރިވެދީފައެވެ.

ޣައްޒާއަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ހޮޓްލައިން 9122121 އިން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!