ހުޅުމާލޭގައި ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓެއް އުފެއްދުމަށް ނިންމައިފި
މާލޭ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓެއް ހުޅުމާލޭގައި އުފެއްދުމަށް އަލަށް އިންތިޚާބުވި މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވިލިމާލެއާއި ހުޅުމާލޭގައި މުނިސިޕަލްގެ ހުރިހައި ޚިދުމަތެއް ދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރެއްވުމަށް ކައުންސިލްގެ އިންތިފާގުން ނިންމައިފައިވާ ކަމަށެވެ.
"މިހާރު ހުޅުމާލޭގައި ނުހުރޭ ސެކްޝަނެއް ވެސް ، ޔުނިޓެއް ހުންނަނީ ، ވަރަށް ކުޑަކުޑަ ކޮޓަރިއެއްގައި ހަތަރު މުވައްޒަފުން ތިބެނީ ، އެގޮތަކަށް ކައުންސިލްގެ ގާނޫނީ ޒިންމާއެއް އަދައެއް ނުކުރެވޭނެ ، އެހެންވީމާ ކައުންސިލްގެ އިއްތިފާގުން ނިންމީ ހުޅުމާލޭގައި ހުރިހާ ޚިދުމަތެއް ދެވޭނެހެން ޑިޕާޓްމަންޓެއް އުފައްދަން" މޭޔަރ މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން އެޗްޑީސީން މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް ބަދަލު ކުރެވޭނެ ގޮތެއް ވޭތޯ ސަރުކާރާ މަޝްވަރާ ކުރާގޮތަށް ބަދަލު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް މޭޔަރ މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުންނާއި އެޗްޑީސީން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެ މަސައްކަތްތަކަކީ ކައުންސިލްގެ ބާރު އޮވެގެން ކުރެވޭ މަސައްކަތަކަށް ވާން ޖެހޭ ކަމެއް ކަމަށާއި ނޫނީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ ކަމުގައި ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެން ބަޔަކު ހުޅުމާލޭގައި އެ މަސައްކަތްކޮށް ކައުންސިލުން އެކަމުގެ ގާނޫނީ ޒިންމާ ނަގައިގެން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މޭޔަރ މުއިއްޒު ފާހަގަ ކުރެއްވިއެވެ.