މެދުއިރުމަތި ދުނިޔެ

ކައިވެނިކުރަން އުޅުނު ކުއްޖާ ޝަހީދުވި ވާހަކަ ކިޔައިދިނީ ހިނިތުންވަމުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

" އަހަރެމެންގެ ކައިވެނި ހަމަޖެހިފައި އޮތީ ޢީދުގެ ފަހުން... މީގެ ދެ މަސް ކުރިން ފެށިގެން ދެމީހުން އުޅެން ނިންމި އެޕާރޓްމެންޓަށް ބޭނުންވާ ތަކެތި ހަމަކޮށް ތައްޔާރީތައް ވަމުން އައީ.. ދެމީހުންވެސް މިކަމުގައި ބައިވެރިވިން...." އެ ޒުވާނާގެ ވާހަކަ ފެށީ މިހެންނެވެ.

Ads by Sosun Fihaara

މިއީ ދާދި ފަހުން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ކައިވެނިކުރަން އުޅުނު ކުއްޖާ ޝަހީދުވުމުން ހިނިތުންވެ އިނދެ އެ ވާހަކަ ކިޔައިދިން ޒުވާނާގެ ވާހަކައެވެ. މީސްމީޑިޔާގެ މަންސަތަކުގައި މި ޒުވާނާގެ ވާހަކަ އާންމުވިއެވެ. ޝައްކެއް ނެތެވެ! މިއީ ލާމަސީލު ޒުވާނެކެވެ. އޭނާގެ ލޯބިވެރިޔާ ޝަހީދުވުމުން އެވާހަކަ ކިޔައިދިން އިރު އެ މޫނުގައިވީ އުފާވެރިކަމެވެ.

އެއީ އިސްރާއިލުން އެންމެ އަނިޔާވެރި ހަމަލާތައް ދިން ރެއެވެ. އެ ޒުވާނާ ކިޔައިދިން ގޮތުގައި އެރޭ އޭނާ ކައިވެނި ކުރަން އުޅުނު ކުއްޖާ ކަމަށްވާ ޝައިމާއަށް އޭނާ ކޮބައިތޯ އަހައި މެސެޖް ކުރިއެވެ. އޭގެ ޖަވާބުގައި އޭނާ ގޭގައި އެބައިނިން ކަމަށާއި އެ ސަރަހައްދަން ބޮން އަޅަމުންދާ ކަމުގައި ބުނެ ޝައިމާ މެސެޖް ކުރި ކަމަށް ޒުވާނާ ބުންޏެވެ.

" އަހަރެން އޭގެ ޖަވާބުގަ ބުނިން ފިލާ އިންނާށޭ... އެކަމަކު އެ މެސެޖް ޝައިމާއަކަށް ނުފޮނުވުނު....".... އެއީ ޝައިމާއާއި އެ ޒުވާނާއާ ދެމެދު ދެކެވުނު އެންމެ ފަހުގެ ވާހަކަތަކެވެ.

އޭގެ ފަހުގައި ފެންނަން ފެށީ ބިމާ ހަމަވެފައިވާ ޢިމާރާތްތަކުން ޝަހީދު ވެފައިވާ ހަށިގަނޑުތައް ނެރެން ފެށި މަންޒަރެވެ.

" ޢިމާރާތް ތަކުގެ ދަށުން ހަށިގަނޑުތައް ނެރެން ފެށި... އަލްޙަމްދުލިއްﷲ .. އަހަންނަށް ޝައިމާގެ ހަށިގަނޑު ފެނުނީ ޢިމާރާތެއްގެ ދަށުން ނެރެނިކޮށް... ވަދާޢީ ސަލާމް ކުރަން ބޭނުންވި... ޝައިމާގެ މޫނުގައިވީ ހިނިތުންވުން... އަހަންނަށްވުރެ ޝައިމާގެ ދަރަޖަ މަތިވެރި... މިހާރު އެއީ ޝަހީދެއް، ޖަންނަތުގެ އަހުލުވެރިއެއް... "... މި ވާހަކަތައް ކިޔައިދިން އިރު އެ މޫނުގައިވީ އުޖާލާކަމެވެ. ނުހަނު އުފާވެރި ހިނިތުންވުމެކެވެ.

އެ ޒުވާނާ ކިޔައިދިން ގޮތުގައި ކޮންމެ ނަފްސެއް ވެސް މަރުވާނެކަން އޭނާ ޤަބޫލުކުރެއެވެ. އަދި ފުރާނަތައް ﷲގެ ހަޟްރަތަށް އެނބުރި ރުޖޫޢަ ވާނެކަން ވެސް އޭނާ ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. އެއީ ﷲގެ ނިޔާފުޅެވެ. އެ ނިޔާފުޅާމެދު އެ ޒުވާނާ ހިތުގެ އަޑިން ޤަބޫލެވެ. މިއަދު މި ޒުވާނާގެ ހިތަށް ލިބިފައި ވަނީ ބަޔާން ކުރާ ދަތި އުފާވެރި ކަމެކެވެ.

ޝައިމާ ޝަހީދުންގެ ތެރޭގައި ހިމެނުމަކީ އެ ޒުވާނާއަށް ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. ކޮންފަދަ މަތިވެރި ޝަރަފެއްތޯއެވެ. ޝަހީދުވެފައި އޮތް އިރު ވެސް އެ މޫނުގައިވީ ހިނިތުންވުމެވެ. އެ މަންޒަރު ސިފަކޮށްދިން އިރު ވެސް ޒުވާނާ އިނީ ހިނިތުންވެލައިގެންނެވެ. ދެމީހުން އެކުގައި ދިރިއުޅުމަށް ދެކެފައިވާ ފޮނި ހުވަފެންތަކަށް ވުރެ މިއަދު އެ ޒުވާނާއަށް ލިބިފައިވާ ހިތްހަމަޖެހުން މާބޮޑެވެ.

އޭނާ ބުނި ގޮތުގައި މާތް ﷲ އެގޮތަށް އިރާދަ ކުރައްވާފައިވާ ކަމުގައިވާ ނަމަ ޝައިމާއަކީ އޭނާއަށް ޖަންނަތުން ލިބޭނޭ ހޫރުލްޢީނެވެ. އޭނާގެ އަނބިމީހާއެވެ. މިދުނިޔެއިން އެކުގައި އުޅެން ފުރުސަތު ނުލިބުނަސް އެދުނިޔެއިން އެކުގައި ވުމީ އޭނާގެ ދުޢާއެވެ.

ޝައިމާއަކީ ނަމޫނާ އަންހެނެކެވެ. ދަތުގެ ޚާއްސަ ޑޮކްޓަރެކެވެ. މާތް ﷲ ޝައިމާގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާންދޭވެ! އާމީން !

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!