މެދުއިރުމަތި ދުނިޔެ

ޚާއްޞައެހީއަށް ބޭނުންވާ ބައްޕައެއް، މާބަނޑު އަންހެނުންނާއި ދަރިފުޅު ޝަހީދުވީ މެންދުރުގެ ކެއުމުގައި ތިއްބާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަނިޔާވެރިކަން އިންތިހާއަށް ގޮސްފިއެވެ. ރަހުމެއް ކުލުނެއް ނެތެވެ. އެ ހިތްތަކުގައި ފަލަސްތީނުގެ ބިމަށް އޮތް ދަހިވެތިކަމުގެ ބޮޑުކަމުން ޝަހީދުވެގެން އެ ދަނީ އެތަން ފުރާނައެކެވެ. މިއީ ބަލަން ކުޅަދާނަ މަންޒަރުތަކެއް ނޫނެވެ. އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫންމެއެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސެނީ މިފަދަ އެތައް ހިތާމަވެރި ޚަބަރުތަކަކާއެކުގައެވެ.

Ads by Sosun Fihaara

މިއީ ވެސް އެފަދަ ވާހަކައެކެވެ. އިޔާދް ސަލްހާއަކީ ފަލަސްތީންގެ ރައްޔިތެކެވެ. ނަމަވެސް އަޅުގަނޑުމެން ފަދަ ފުރިހަމަ އިންސާނެއް ނޫނެވެ. ނުކުޅެދުންތެރިކަމެއް ހުއްޓަސް އެއީ އޯގާތެރި ފިރިއެކެވެ. ނަމޫނާ ބައްޕައެކެވެ. އުފާވެރި ކުޑަ އާއިލާއެކެވެ. ނަމަވެސް މިއަދު އެ އުފާވެރިކަމެއް ނެތެވެ. ޚުދު އެ ކުޑަ އާއިލާގެ މެންބަރެއް ވެސް ނެތެވެ. އިސްރާއީލުގެ އަނިޔާވެރިންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ނިމިއްޖެއެވެ.

އިސްރާއިލުން ފަލަސްތީނަށް ދިން ބޮމުގެ ހަމަލާތަކުގެ ޝަހީދުވެގެން ދިޔައީ އުމުރުން 33 އަހަރުގެ އިޔާދްގެ އިތުރުން އޭނާގެ މާބަނޑު އަންހެނުންނާއި އެ ދެމަފިރިންގެ އުމުރުން އެންމެ 3 އަހަރުގެ ތުއްތު އަންހެން ދަރިފުޅެވެ.

އެ ހަމަލާގައި ޝަހީދުވިއިރު އިޔާދުގެ އާއިލާ ދިޔައީ މެންދުރުގެ ކެއުމަށް އިންސާފުކުރަން ތައްޔާރުވަމުންނެވެ. ނަމަވެސް އެ ނަސީބު ލިބުމުގެ ކުރިން މިސެއިލްތަކުގެ ބާރުގަދަ ހަަމަލާއިން ގޭގެ ހަތަރު ފާރު ފުނޑުފުނޑުވީއެވެ. 3 ކޮޓަރީގެ އެ ބޮޑު ގެ ބިމާ ހަމަވި އިރު ފެންނަން އޮތީ އަންހެން ދަރިފުޅުގެ ރަތް ކުލައިގެ ބައިސްކަލުގެ ބައިތަކަކާއި އައިސްއަލަމާރި މަތީގައި ތައްޓަކަށް އަޅައިފައި ހުރި ތާޒާ ރަތް ޓޮމާޓޯތަކެކެވެ.

" އަހަރެންގެ ބޭބެއަށް ނުހިނގޭތާ 14 އަހަރު ވެއްޖެ... އެއީ ހަނގުރާމަވެރިއެއް ނޫން... ބޭބެ އިނީ ގޮނޑީގައި... ދެން ކީއްވެ ބޭބެ މަރައިލީ...؟... ބޭބެގެ ތުއްތު ދަރިފުޅުގެ ކުށަކީ ކޮބާ؟... އޭނާގެ އަންހެނުން ކޮން ކަމެއް ކުރީ...؟.... އެމީހުން ހަމައެކަނި ކާން ތައްޔާރު ވަމުން ދިޔައީ....".... މިއީ އިޔާދުގެ ހަގު ކޮއްކޮ އުމަރު ސަލްހާގެ ޝަކުވާއެވެ. އޭނާގެ ސުވާލުތަކެވެ. އެ ހިތުގައިވީ އުދާސްތަކެވެ.

އުމަރު ކިޔައިދީފައިވާ ގޮތުގައި އިޔާދުއަކީ ވަޒީފާއަށް ދިޔަ މީހެއް ނޫނެވެ. އެހެންކަމުން އޭނާ އުޅެމުން ދިޔައީ އިތުރު ތިން ބޭބެއާއި މަންމައާއެކު އެއް ފްލެޓެއްގައެވެ. ނަމަވެސް އޭނާގެ މަންމަ އޭގެ ދެ ދުވަސް ކުރިން އެހެން ބޭބެއެއްގެ ގެއަށް ބަދަލުވީ އެ ބޭބެ އުޅެމުން ދިޔަ ސަރަހައްދު މާ ރައްކާތެރިކަމުގައި ޤަބޫލުކުރެވޭތީއެވެ. އަދި އެ ހަމަލާދެވުނު ގަޑިއަކީ އުމަރު ވެސް ގޭގައި ނޫޅޭ ވަގުތެކެވެ.

" އިޔާދު އަބަދުވެސް ދުޢާ ކުރާނެ މި އަނިޔާވެރިކަން ނިމޭތޯ... އޭނާ ޝަހީދުވެގެން އެ ދިޔައީ ދެވަނަ ދަރިފުޅުގެ އިންތިޒާރުގައި ދުވަސްތައް ހޭދަކުރަނިކޮށް......"....... އިޔާދުގެ މަންމަ ކިޔައިދިނެވެ. އިޔާދުއާއި އަންހެނުންގެ އިތުރުން ދަރިފުޅުގެ ކުއްލި ވަކިވުމާއެކު އެ އާއިލާއަށް ކޮށްފައި ވަނީ ފުން އަސަރު ތަކެކެވެ.

މި ފަދައިން ކިތައް އާއިލާތަކެއް ނެތިގޮސްފައިވާނެތޯއެވެ. މާތް ﷲ އެ އެންމެހާ ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވަވައި ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާންދޭވެ. އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!