ހަމާސްއާއެކު މަސައްކަތެއް ނުކުރާނަން: ބައިޑަން
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ނިންމުމާ ގުޅިގެން އެކަމަށް އެމެރިކާއިން މަރުޙަބާ ކިޔައިފިއެވެ.
އެމެރިކާގެ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެމެރިކާއިން ޔޫއެން، އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކާއެކުގައި ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އެމެރިކާއިން އެއްވެސް އިރެއްގައި ހަމާސްއަށް ސަޕޯޓް ނުކުރާނެ ކަމަށާއި އަދި ހަމާސްއާއެކީ އެއްވެސް ރޮނގަކުން މަސައްކަތް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ސާފު. ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްރާއީލަށް އަޅުގަނޑުމެން ކުރަމުން އައި ތާޢީދު އަޅުގަނޑުމެން ހާމަ ކުރިން. އެމެރިކާއިން ހަމާސްއާއެކު މަސައްކަތް ނުކުރާނެ. އެމެރިކާއިން މަސައްކަތް ކުރާނީ ފަލަސްތީނިއަން އޮތޯރިޓީއާއެކު. ޕީއޭއާއެކު އަޅުގަނޑުމެން ޣައްޒާ އާރާސްތު ކުރުމުގައި އެހީތެރިވާނަން" ބައިޑަން ވިދާޅުވިއެވެ.
ފަލަސްތީނިއަން އޮތޯރިޓީއަކީ ފަލަސްތީނުގެ ސަރުކާރުގެ ގޮތުގައި އިސްރާއީލާއެކު 1994 ހެދި އެގްރީމެންޓަކުން އުފެދުނު ސަރުކާރެކެވެ. ފަލަސްތީނުގެ ސަރުކާރެއްގެ ގޮތުގައި ބައިނަލް އަޤްވާމީ ގޮތުން ބަލައިގަންނަނީ، ފަލަސްތީނިއަން އޮތޯރިޓީއެވެ. އިސްރާއީލުން ބޭނުންވާ ވަކި ސަރަހައްދުތަކެއްގައި އެ އޮތޯރިޓީއަށް ބާރު ދީފައިވެއެވެ. މިހާރު މި އޮތޯރިޓީގެ ވެރިއަކަށް ހުންނެވީ ފަތަޙަ ޕާޓީގެ މަޙްމޫދް އައްބާސެވެ.
ޕީއޭއާއެކު ޣައްޒާ އާރާސްތު ކުރައްވާނެ ކަމަށް ބައިޑެން ވިދާޅުވި ނަމަވެސް، 2006 ވަނަ އަހަރު ފަލަސްތީނުގައި އޮތް އިންތިޚާބުން ޣައްޒާގެ ވެރިކަން ލިބިފައި ވަނީ ހަމާސްއަށެވެ. އެފަހަރު ފަލަސްތީނިއަން އޮތޯރިޓީގެ ބޮޑު ވަޒީރަކަށް އައްޔަން ކުރަން މަސައްކަތްކޮށްފައި ވަނީ ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާއެވެ. ނަމަވެސް އޭރު ހަމަނުޖެހުންތަކެއް ހިނގާ ސަރުކާރު ވަނީ ވެއްޓިފައެވެ. އޭގެ ފަހުން ހަމާސްއިން ދަނީ މިއަދާ ހަމައަށް ވެސް ޣައްޒާގައި އެމީހުންގެ ވެރިކަމެއް ކުރަމުންނެވެ. ހަމާސްއަށް އޮންނަ ތާޢީދު ފަލަސްތީނުގައި ބޮޑުވަމުން އަންނާތީ އެމެރިކާއިން ދޭތެރެ ދޭތެރެއިން ޕީއޭއަށް ފައިސާ ފަންޑު ކުރާ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.
މިރޭ ރާއްޖޭ ގަޑިން 4 ޖަހާއިރު އިސްރާއީލުންނާއި ހަމާސްއިން ވެސް ހަމަލާ ބަދަލު ކުރުންތައް ހުއްޓައިލާނެ ކަމަށް މައުލޫމާތު ލިބެއެވެ.