ފަލަސްތީން ރައްޔިތުންގެ ހިތުގައި ދިވެހިންނަށް އޮތް ލޯބިން މީސް މީީޑިއާ ފުރާލައިފި

ހައްދު ފަހަނައަަޅައިފައިވާ ޔަހޫދީ އިސްރާއީލުން ކެނޑިނޭޅި ނިކަމެތި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ދޭތެރެ ދޭތެރެއިން ވަރުގަދަކޮށް ގަތުލު އާއްމުތައް ހިންގައެވެ. މިއިން ކޮންމެ ފަހަރަކު ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުވެއެެވެ. ހާލުގައިޖެހި ގެދޮރު ގެއްލެއެވެ.
މިފަދަ ކޮންމެ ވަގުތެއްގައި ވެސް ފަލަސްތީނުގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާ އެއް ގައުމަކީ ރާއްޖެއެވެ. ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮންނަ ލޯތްބާއި ކުލުނަކީ އަމިއްލަ ދަރިންނާއި މައިންބަފައިންނާ އެއްބަނޑު އެއްބަފާ ކަމުގެ ލޯތްބާއި ކުލުނެވެ.
މިދިޔަ ރޯދަމަހު ފަހު ދިހައެއްގައި އަނެއްކާ ވެސް އިސްރާއީލުން މަސްޖިދުލް އަގްސާއަށް ވަދެގަނެ ދޭންފެށި ހަމަލާތައް ވަރުގަދަކޮށް މުޅި ފަލަސްތީނުގެ އެތަން މިތަނަށް ބޮންއަޅައި އެތައް ރައްޔިތުންނެއް ޝަހީދުކޮށްލިއެވެެ. އެތައް އިމާރާތެއް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބިމާ ހަމަކޮށްލިއެވެ.
އެޔާއެކު ދިވެހިންގެ ލޭ ކެކިގަނެ މުޅި މީސް މީޑިއާ ފުރައިލީ ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބިންނެވެ. ފަލަސްތީނު ހިމާޔަތްކުރުމަށް ގޮވާލި ކެމްޕޭންތަކުންނެވެ.
ފަލަސްތީނުގެ ހިމާޔަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެކި އެކި ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިޔޯތަކަށް ފަލަސްތީނު ރައްޔިތުން "ރިޕްލައި" ކުރީ ނުހަނު ލޯބިން ހިތުގެއެންމެ ފުންމިނުންނެވެ.

"ދުނިޔެމަތީގެ ސުވަރުގެ ވަނީ އަހަރުމެންނާއެކުގައި ކަމުގައި ޔަގީން. ކޮންމެވެސް ދުވަހަކުން އަހަރެން ރާއްޖެއަށް ދާން ބޭނުން. ފަލަސްތީނު ރައްޔިތުން ދިވެހިިންދެކެ ވަރަށް ލޯބިވޭ" ފަލަސްތީނު ރައްޔިތެއްކަމުގައިވާ ހުދާ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
"ފަލަސްތީނު ރައްޔިތުން ދިވެހިން ދެކެ ލޯބިވަނީ ހިތުގެ އަޑިން. އަހަރުމެންނަށް ތިޔަ ދޭ ސަޕޯޓަށް ހިތުގެ އަޑިން ޝުުކުރު ކުރަން. ހާއްސަކޮށް ޣައްޒާގެ ރައްޔިތުންގެ ފަރާތުން" ސައިދާ ނަމަކަށް ކިޔާ ފަލަސްތީނު ރައްޔިތަކު ކުރި ޓްވީޓެއްގައިވެއެވެ.

މީގެ އިތުރުންވެސް ގިނައަދަދެއްގެ ފަލަސްތީނު ރައްޔިތުން ދަނީ ސޯޝަލް މީޑިޔާގައި ދިވެހިންނަށް ޝުކުރުއަދާކޮށް ދިވެހިން ދެކެވާ ލޯބި ބުނެދެމުންނެވެ.