ކޮވިޑް-19އަށް ފަރުވާއެއް ކަމަށް ބުނެ ދިވެހި ބޭހެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ
މުޅި ދުނިޔެއަށް ފެތުރިފައިވާ، އަދި މިހާތަނަށް ޚާއްސަ ބޭހެއް ނުވަތަ ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ ދިވެހި ބޭހެއް ހަދައިގެން ވިއްކަމުން ދަނިކޮށް އެކަން ހުއްޓައިލުމަށް އަންގައި އެ މައްސަލަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ބޭސް ހަދައިގެން ވިއްކަމުން ދިޔައީ "ސެންޓާ ފޯ ޓްރެޑިޝަނަލް މެޑިސިން" ކިޔާ ދިވެހި ބޭސް ފިހާރައަކުންނެވެ. ބޭހަށް ދީފައިވާ ނަމަކީ "ހަރބަލް ކޮވިޑް ކެއާ" އެވެ. އެ ފިހާރައިން މި ދިޔާ ބޭހުގެ 400 އެމްއެލްގެ ފުޅިއެއް ވިއްކީ 80 ރުފިޔާއަށެވެ.
އެމްއެފްޑީއޭގެ ޑައިރެކްޓާ އޮފް ފާމަސޫޓިކަލްސް މުހައްމަދު ފަޒީން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރައިން ވިއްކަމުން ދިޔަ އެ ދިވެހި ބޭހަކީ މިހާތަނަށް ހުއްދަ ދީފައިވާ ބޭހެއް ނޫން ކަމަށާއި އެ ބޭސް ވިއްކުން ވަގުތުން ހުއްޓައިލަން އަންގައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް ފަޒީން ވިދާޅުވިއެވެ.
"އެއީ ހުއްދަ ބޭހެއް ވެސް ނޫން ރަޖިސްޓާ ކުރެވިފައިވާ ބޭހެއް ވެސް ނޫން. އަދި އެ ލޭބަލްއަކީ ވެސް އެޕްރޫވް ކުރެވިފައިވާ ލޭބަލްއެއް ނޫން" އެމްއެފްޑީއޭގެ ޑައިރެކްޓާ އޮފް ފާމަސޫޓިކަލްސް ވިދާޅުވިއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވައިދު ބުނާގޮތުގައި ރާއްޖޭގައި ދިވެހި ބޭހެއް ވެސް ވިއްކޭނީ އެމްއެފްޑީއޭން ފާސް ކުރުމަށް ފަހުއެވެ. އަދި ދިވެހި ބޭސް ވެސް ވިއްކުމުގެ ހުއްދަ ދެނީ ސައިންޓިފިކް ރިސާޗަށް ފަހުގައި ކަމަށް ވެސް ޤަވާއިދުގައި ބުނެފައިވެއެވެ.