މެދުއިރުމަތި

ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ. ހަތިޔާރަކީ ދުޢާއެވެ.

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިމަހު 10 ވަނަ ދުވަހު ފެށި 11 ދުވަހުގެ ބޮޑު ހަނގުރާމައެކެވެ. 279 މީހުން ޝަހީދުކޮށްލާ އެތައް ޢާއިލާއެއް ބިކަކޮށްލި ހަނގުރާމައެކެވެ. ނަސްލެއް ނައްތާލުމަށް އިސްރާއިލޭ ކިޔުނު ޔަހޫދީންތަކެއް 1948 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ބޮޑު ހަނގުރާމައެއްގެ ބޮޅެކެވެ. ހަނގުރާމައިގައި ފުރާނަ ދޫކުރި މީހުންގެ ނަންބަރަށް ބަލާނަމަ ހަނގުރާމައިގައި ކުރި ހޯދުނީ އިސްރާއީލަށް ކަމަށް ފަހަރުގައި ހީވެދާނެއެވެ. އެކަމަކު ހަނގުރާމަ ކާމިޔާބު ކުރީ ޣައްޒާއިންނެވެ. ކާމިޔާބުގެ ދިދަ ހިއްލައިލީ ފަަލަސްތީނުގެ ހިމާޔަތުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުންނާއި އިސްލާމިކް ޖިހާދުންނެވެ. ސަބަބުތައް ބަޔާންކޮށްލާނަމެވެ.

1948 ވަނަ އަހަރު ހަތް ލައްކަ ފަލަސްތީނީން އެމީހުންގެ ބިމުން ނެރުނު ދުވަހުން ފެށިގެން އިސްރާއިލުން ކެނޑިނޭޅި މަސައްކަތް ކުރަމުން އެ ދަނީ ފަލަސްތީންގެ ނަން ދުނިޔެއިން ފޮހެލުމަށެވެ. މިހައިތަނަށް އެމީހުންނަށް ލިބިފައި ވަނީ މަދު ކާމިޔާބީއެކެވެ. 1967 ވަނަ އަހަރު ކުރެވުނު 6 ދުވަހުގެ ހަނގުރާމައަށް ފަހު މިހައިތަނަށް އިސްރާއީލަކަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ފަލަސްތީނު ރައްޔިތުންނަކަށް އަނިޔާ ދީ ހަދާއިރު، އަމިއްލަ ޙައްޤުގައި ޖެހިގެން އަންނަ ދުވަހު ނިކުންނަނީ ފަލަސްތީނުގެ މުޖާހިދުންނެވެ.

ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް މިފަހަރު ފަލަސްތީނުން ހަމަލާދޭން ފެށީ އެމީހުންގެ މިލްކުގައި މިސައިލް ޑޯމް ފަދަ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. އެމެރިކާއިން ފަންޑުކޮށް އުފައްދާފައިވާ އިސްރާއިލުގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެން ނަމަވެސް އެމީހުންގެ އަސްކަރިއްޔާއަށް ވީކަމެއް ބުނެދީ ބަލާށެވެ. ކުށެއްނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ޝަހީދުކުރުން ނޫނީ ކުރެވުނު ކަމެއް ނެތެވެ. ހަމާސް އޮތީ އަދިވެސް ވަރުގަދަ ކޮށެވެ. އެމީހުންގެ ސެޓްލައިޓްތަކާއި ޑްރޯންތަކުން އެޖަމާއަތުގެ މީހުން ނުފެންނަ ފަދައެވެ. ބޭރުގެ އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި އަމިއްލަ ވަޒަނުގައި، އަމިއްލަ ތަކެތިން ހެދި ރޮކެޓްތަކުން މުޅި އިސްރާއީލް ބިރުވެރި ކަމަކަށް ވައްޓައިލިއެވެ، ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

ހަމާސްގެ ހަމަލާތަކުން އިސްރާއީލަށް ބޮޑު ހުއްޓުމެއް އައެވެ. އެމީހުންގެ ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓް، ބެން ޖޫރިޔޫން، ބަންދުކޮށްލިއެވެ. ހަމާސްގެ ރޮކެޓްތައް އުދުއްސައިލި ކޮންމެ ފަހަރަކު މުޅި އިސްރާއީލް އިންޒާރުގެ ބަރުގޮނުތަކުން ގުގުމާލައެވެ. އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ހެދި މިސައިލްތަކުން އިސްރާއީލްގެ އިމާރާތްތައް ބިމާ ހަމަ ނުކުރެވުނަސް، އިސްރާއީލްގެ އެންމެ އެތެރެއަށް މި މިސައިލްތައް ވާސިލްވިއެވެ. ހަމަލާ ނުދެވޭނެކަމަށް ބުނެ، މީޑިއާތަކުގައި ފޮނި ބައިސާ ކެނޑި އިސްރާއީލުގެ ވެރިރަށަށް ވެސް ހަމާސްގެ ހަމަލާތައް އަމާޒުވިއެވެ. ސިފައިންނާއި އާންމުން ބިންގަރާސްތަކަށް ވަދެ ފިލިއެވެ. ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

11 ދުވަހުގެ ތެރޭގައި ހަމާސްއިން ވަނީ އިސްރާއީލްގެ އިޤްތިޞާދަށް ގުޑުން އަރުވާލައިފައެވެ. އިސްރާއީލުގެ މީޑީއާތަކުން ބުނާ ގޮތުން އެޤައުމަށް 2.14 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

މި 11 ދުވަހުގެ ހަނގުރާމައިގައި ފަލަސްތީނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ވާހަކަ އަދި އޮތީއެވެ. އެއީ އިސްރާއީލާ މެދު މުޅި ދުނިޔެ ދެކޭ ގޮތް ބަދަލު ވުމެވެ. "ނަފްސުގެ ދިފާއު"ގައި ހަނގުރާމަ ކުރާ ކަމަށް އަބަދުވެސް ދަޢުވާ ކުރާ އިސްރާއީލްގެ އަސްލު ސިފަ މުޅި ދުނިޔެއަށް މިއަދު މިވަނީ ފެނިފައެވެ. މުޅި ދުނިޔެ މިއޮތީ މިއަދު އިސްރާއީލާ ދެކޮޅަށެވެ. ދުނިޔެ ގޮވާލަނީ އިސްރާއީލްގެ މުދާ ބޮއިކަޓް ކުރުމަށެވެ. އެމީހުންނާ އެކު ގުޅުން ނުބޭއްވުމަށެވެ. މީޑިއާތަކުގެ ޓަރަވަރަށް ދިން ހަމަލާއާއެކު، ހުޅަނގުގެ މީޑިއާތައް ވެސް އިސްރާއީލުގެ ހަރުކަށި ވާހަކަތައް ގެނެސްދޭން ފެށިއެވެ. އެކުގައި މަސައްކަތް ކުރާ ނޫސްވެރިޔާއަށް ބިރު ދައްކަން ފެށި ހިސާބުން، އިސްރާއީލުގެ ނުބައިކަމުގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދިއެވެ. ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

މުސްލިމުންނަށް ބޮޑު ކާމިޔާބީއެކެވެ. އަހަރެމެން އެންމެން ކުރި ދުޢާ އިޖާބަ ކުރައްވައިފިއެވެ. ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓައިލީއެވެ. ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

رسول الله صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދުޢާކުރުމަކީ އަސްލު އަޅުކަމެވެ." އެއަށް ފަހު ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތް އެކަލޭގެފާނު ވިދާޅުވިއެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ.

"އަދި ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ ވަހީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ހަމަ ކަށަވަރުން ތިމަން ރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!). ނިކަން ހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ."

އަހަރެމެންގެ ދުޢާ ﷲ އިޖާބަ ކުރައްވައިފިއެވެ. ކާމިޔާބު ލިބުނީ ފަލަސްތީނަށެވެ. ޣައްޒާއަށެވެ.

  1. އައިޝް

    އަލްޙަމްދުލއްލާޙް

  2. އާކިފް

    މަޜުހަބާ