އެސްއޯގެ ގިނަ ފުލުހުންތަކެއް ފައްސިވެ ކަރަންޓީނުގައި
ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގައި މަސައްކަތް ކުރައްވާ ގިނަ ފުލުހުންތަކެއް ކޮވިޑް19އަށް ފައްސިވެއްޖެއެވެ.
ފުލުހުން މިކަން ކަށަވަރު ކޮށްދެއްވާފައި ނުވި ނަމަވެސް އެ ފަރާތުން ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންނާއި އެމީހުންނާ އެއްތާވި މީހުން ، އޮންނަ އުސޫލުން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފައްސިވީ މީހުންގެ މައުލޫމާތާއި އެއްތާވުމުގެ މައުލޫމާތު ހާމަ ނުކުރައްވާކަމަށް ފުލުހުން ވިދާޅުވިއެވެ.
’’ދެން’’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވުމާއި އެއްތާވުމުގެ ސަބަބުން 30އެއްހައި އެސްއޯ ފުލުހުން މިހާރު ތިއްބެވީ ކަރަންޓީނުގައެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވެސް ވަނީ ގިނަ ފުލުހުންތަކެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލައިގެ ތަހުގީގަށް ވެސް އެކަމުގެ ހިޔަނި އެޅިފައި ވާކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ.
ކޮވިޑްގެ ނުރައްކާތެރިކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަނީ ފެތުރިފައެވެ. ފައްސި ވޭދަނަތައް ފެނި މިވަގުތު ވެސް 70އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގައެވެ.