ހިޔާނާތުގެ ދެވަނަ ލިސްޓެއް 2024 ގައި ނުކުންނާނެ - ޝަރީފް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ދެވަނަ ލިސްޓެއް 2024 ވަނަ އަހަރު ނުކުންނާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮވިޑްގެ މިފަދަ ނާޒުކު ހާލަތުގައި ވެސް ފެންނަނީ ސަރުކާރުން ވައްކަން ކުުރަމުންދާތަން ކަމަށާއި 2024 ވަނަ އަހަރުއެމްއެމްޕީއާރުސީގެ މުޅިން އާ ދެވަނަ ލިސްޓެއް ނުކުންނާނެ ކަމަށެވެ. މިފަހަކަށް އައިސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަވެސް ދައްކަނީ އެ ވައްކަންތައް ފޮރުވަންކަމަށް ޝަރީފު ވަނީ ތުހުމަތު ކުރައްވާފައެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ނުވާ ވަރަށް ގޯސްވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް އެދި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައައިގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކާއި އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ވި ހިޔާނާތްތައް ފާހަގަ ކުރައްވައިފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި މަޖިލީހަށް ފޮނުވުން އެލިސްޓު މަޖިލީހުން ފަހުން ވަނީ އާންމު ކޮށްފައެވެ. އެ ލިސްޓުގައި ޕީޕީއެމްއާއި ޖޭޕީގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނެއެވެ. އެ މެމްބަރުން ވިދާޅުވަމުން ދަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ނުކޮށް އެންމެންގެ ނަން ހާމަ ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.