މައްސަލައަކީ ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން، މަރުވާ މީހުން އިތުރުވެދާނެ: ޑރ.ނަޒްލާ

ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ހާލަތު މިހެން އޮންނަ ނަމަ ބަލީގައި މަރުވާ މީހުން އިތުރުވެދާނެކަމަށް ޑރ.ނަޒްލާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރެވިފައި ހުރި ކޮވިޑް ފެސިލިޓީގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލަން ޖެހިފައިވާކަމަށެވެ. ހާއްސަކޮށް ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ޑރ.ނަޒްލާ ވަނީ ފާހަގަ ކުރައްވައިފައެވެ.
“އަޅުގަނޑުމެންނަށް އެންމެ ދަތި ކަމަކަށް ދިމާވަނީ ނަރުހުންނާއި ޑޮކްޓަރުން މަދުކަމުން. މިގޮތަށް ދަނީ ނަމަ ޑެތު ރޭޓް މިއަށް ވުރެ މަތި ވުމުގެ ފުރުސަތު ވަރަށް ބޮޑު. އަޅާނުލެވި ހިނގައިދާނެ”ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން މިވަގުތު ހުޅުމާލެ އައިސީޔޫގައި 11 އެނދު ހުރިކަމުގައި ވިޔަސް 5 މީހުން މިހާރު ވެންޓިލޭޓަރ ބޭނުންކުރަމުން ދާކަމަށާއި، އައިސީޔޫ އެނދު އެބަހުރިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ބަލި ޖެހޭ މީހުން ގިނަ ވަމުންދިޔަ ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް އެންމެން މަސައްކަތް ކޮށްފިނަމަ މި ކަންތައްތަކުން އަރައިގަނެވޭކަމަށް ވެސް ޑރ ނަޒްލާ ވިދާޅުވިއެވެެ.