ޚަބަރު

ފިނޮޅަށް ގެއްލުންދިން ގިރިލަންކަންފުށި ރިސޯޓު 5 ލައްކަ ރުފިޔާއިން ޖޫރިމަނާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލައިގައި ގިރިލަންކަންފުށި ރިސޯޓު 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

Ads by Hajj Corporation

މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެ ރިސޯޓުގެ މުވައްޒަފުންތަކެއް ވަނީ ދަންވަރު ގަޑީގައި އެ ފިނޮޅަށް އަރައި އެ ފިނޮޅަށް ގެއްލުން ދީފައެވެ.

އެ ރިސޯޓް ހިންގާ ކުންފުނި ޖޫރިމަނާ ކުރި މައްސަލައިގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އެ ރިސޯޓުގެ މުވައްޒަފުން އެ ފިނޮޅަށް އަރައި ފެންގަނޑު ދައުރުވާނޭހެން މެދުން ކަނޑައި، ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް އެ ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑައިފައިވާކަން ،ފުލުހުން މެދުވެރިކޮށް އެ އެޖެންސީން ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980.00 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަށް އަންގާފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ގިރިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ވަނީ މަގާމުން ވަކިކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!