ސެކިއުރިޓީ މައުލޫމާތު ލީކް ކުރެއްވީ ސަރުކާރުގެ ތެރެއިން ސިޔާސީ ބޭފުޅެއް: އާދަމް ޝަރީފް
ރައީސް ނަޝީދުގެ ގެކޮޅުގެ ސެކިއުރިޓީ މައުލޫމާތު ހިމަނައިގެން އޮންލައިން ނޫހަކުން ޝާއިއު ކޮށްފައިވާ މަޢުލޫމާތުތައް ހާމަކޮށްފައި ވަނީ ސެކިއުރިޓީ އާ ގުޅޭ ފުރިހަމަ މަޢުލޫމާތު ލިބޭ ސިޔާސީ ބޭފުޅެއް ނުވަތަ ސިޔާސީ ކުލަ ޖެހިފައި ހުރި ބޭފުޅެއް ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން ހާމަވާ ގޮތަށް ލިޔެފައިވާ ކަމަށް ބުނާ ޚަބަރާ ގުޅިގެން ރިޔާސަތުން ހުށަހެޅުއްވި މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ބަހުސަށް ހުޅުވާލެއްވުމުން، މިމައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެ ޚަބަރުގައި އައިސްފައިވާ އިބާރާތްތަކުން ، މި ވާހަކަތައް ހާމަވެގެން ގޮސްފައި އޮތީ އެމްއެންޑީއެފްއިންނޭ ބުނުމަށް ވުރެ ބޮޑަށް ޤަބޫލު ކުރެވެނީ އަސްކަރިއްޔާއިން އެމައުލޫމާތު ރިޕޯޓް ކުރާ ފަރާތްތަކުން ، ހާމަކޮށްފައިވާ މަޢުލޫމާތުތަކެއްގެ ގޮތުގައި ކަމަށެވެ.
"ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން އިންކްއަރީއެއް ހިންގަމުން އެބަދޭ، މިފަދަ މައްސަލައެއް ގޮސްގޮސް ހުއްޓާ، މިކަހަލަ މަޢުލޫމާތު ތަކެއް ލީކްކޮށްލުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ގޮތުން އެ ކުރެވެމުުންދާ އިންކްއަރީއަށް ނުފޫޒު ފޯރުވުން." އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުން އިންކްއަރީއެއް ހިންގަމުންދަނިކޮށް މިފަދަ މައުލޫމާތެއް ލީކްކޮށްލުމުން ކަމުގެ ފޯކަސް ގެއްލިގެންދާނެ ކަމަށާއި މިހެންކަމުން މިކަންކޮށްފައި ވަނީ ސިޔާސީ ބޭފުޅެއްކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އަދި މިކަންކޮށްފައި އޮތް ގޮތް ޑިފެންސް މިނިސްޓަރ ތަހްގީގު ކުރަން ޖެހޭ ކަމަށާއި އަސްކަރިއްޔާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ ކަމުގެ ހައްލު ނޫން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި އަސްކަރިއްޔާ ދަށުގައި ހުންނަ ކޮމާންޑަރެއް ބަދަލުކޮށްގެން މައްސަލަ ހައްލުނުވާނެ ކަމަށާއި ސަރުކަރުން އަސްކަރިއްޔާ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްކަރިއްޔާ ދިފާޢު ކުރުމަކީ ވެސް، އަސްކަރިއްޔާ ހަރުދަނާ ކުރުމާއި އެތަން ވަރުގަދަ ކުރުމަކީ ވެސް އެއިރެއްގެ އޮންނަ ސަރުކާރެއްގެ ޒިންމާއެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއަދު ކަންކަން މިހެން ވެގެން ދިއުމުން އަސްކަރިއްޔާ ބަދަލު ކުރުމުގެ ބަދަލުގައި ޑިފެންސް މިނިސްޓަރ ޖެހޭނީ މިކަމުގައި ޑިސިޕްލަނަރީ މައްސަލައެއް ބަލައި މިކަން ތަކުރާރު ނުވާނޭ ގޮތަކަށް ކަންކުރަން ކަމަށް ވިދާޅުވެ އަސްކަރިއްޔާ ހަލާކު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހުއްޓާލަން އާދަމް ޝަރީފް ވަނީ ގޮވައިލައްވާފައެވެ.
"އެތަން ހަރުދަނާ ކުރުމަށް ޓަކައި ރަނގަޅު ހަރުދަނާ ބަޔަކު އެތަނަށް އިސްކޮށް ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެން ޖެހޭ. އެއީ ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ފޫއަޅުވާލީމަ ދެން ވެސް ޤައުމު ނަގަހައްޓަން އޮންނަ މުއައްސަސާ. އެތަން ހަލާކުކޮށްލެވިއްޖެ ނަމަ މުޅި ޤައުމު ހަލާކުވެގެންދާ ކަމެއް." ޝަރީފް ވިދާޅުވީ މަޖިލީހުން ވެސް އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.