އަލީ ވަހީދަށް ކުރާ ދައުވާ ތަކުގެ އަޑުއެހުމެއް ޖޫން 10ގައި
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އަންނަ ޖޫން މަހުގެ 10ވަނަ ދުވަހަށް ކުރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމި ނިންމުމެއްގައި، ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައި ވާތީ ޖޫން މަހުގެ 10 ވަނަ ދުވަހު ބާއްވާ އަޑުއެހުމަކީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބާއްވާ އަޑުއެހުމަކަށް ވީ ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދާނީ ޕީޖީ އޮފީހުން އެދިފައިވާ ބައެއް ކަންކަމުގައި ގޮތް ނިންމުމުގެ ކަންތައްތަކެއް ކަމަށް ބެލެވޭ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
އަލީ ވަހީދަށް ދައުވާ ކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިނުގެންފާނެތީ އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ އަލީ ވަހީދަށް ޖާމިނު ވާނެ ފަރާތެއްގެ ނަން ކޯޓަށް ހުށަހެޅުމުން އެއްބަސްވުމެއް ހެދުމަށް ފަހުއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގައިވާ ގޮތުން އަލީ ވަހީދުގެ މައްސަލައަށް ޖާމިނު ވެފައި ވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޖާމިނު ވާ ފަރާތަކީ އަސްލު މައްސަލަ ރައްދުވާ ފަރާތް ޝަރީއަތަށް ހާޒިރު ނުވެ ފިލައިފި ނަމަ އަދަބު ލިބޭނެ ފަރާތެކެވެ.
އެހެންކަމުން ދައުލަތުން ވަނީ އަލީ ވަހީދު ފިލައިފައިވާ ކަމަށް ބަލައި ޖާމިނުވުމަށް ހަދައިފައިވާ އެއްބަސްވުމާ އަސްއަދު ޚިލާފުވެފައިވާ ކަމަށް ފެންނާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އަސްއަދުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ވެސް އެދިފައެވެ.
އަލީ ވަހީދަށް ދައުވާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ކޯޓުން އަމުރުކުރުމުން ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ތުރުކީއަށް ވަޑައިގެންފައެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން މަނާކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރެފައި އޮތް އަމުރެއް ފަހުން އެ ކޯޓުން ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ހުށަހެޅުއްވި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްފައެވެ.