ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަސްޓަމް ޑިޒައިންތަކަށް ޖާޒީ ޕްރިންޓް ކުރަމުން އަންނަ ކެޕްޓަން މޯލްޑިވްސްއިން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އައިއޭސީއާ ގުޅިގެން ޓީޝާޓު ވިއްކަން ފަށައިފިއެވެ.
ކެޕްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މަލިކް ޢަބްދުލް ޣަފޫރް "ދެން" އަށް ވިދާޅުވީ، ފަލަސްތީނަށް އެހީތެރިވުމަށް ހިންގާ މި އިވެންޓްގެ ދަށުން ވިއްކާ ހުރިހާ ޓީޝާޓަކުން ލިބޭ ފައިދާ ވެސް ހަދިޔާ ކުރާނީ ފަލަސްތީނަށް އެހީތެރިވުމަށް ކަމަށެވެ.
"100 ޕަސެންޓް ޕްރޮފިޓް ހަދިޔާ ކުރަނީ ފަލަސްތީނުގެ ރައްޔިތުންނަށް. އަޅުގަނޑުމެން މި އިވެންޓް ކުރިޔަށް ގެންދަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން. ރީތި ޑިޒައިން ތަކަކާއެކު ޓީޝާޓުތަކުގެ ކޮލިޓީ ވެސް ރަނގަޅުވާނެ." މަލިކް ވިދާޅުވިއެވެ.
މަލިކް ވިދާޅުވީ، ކެޕްޓަން މޯލްޑިވްސްއިން ވިއްކުމަށް ހަމަޖެހިފައިވާ ޓީޝާޓުތައް ޑިޒައިންކޮށްފައިވަނީ، ފަލަސްތީނުުގެ ތާރީޚާއި ގުޅުވައިގެން ކަމަށާއި އަދި ފަަލަސްތީނުގެ ޤައުމީ ޖާޒީ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޖާޒީއެއް ވެސް ގަންނަން ލިބޭނެ ކަމަށެވެ.
"ޓީޝާޓުތަކުގެ ޑިޒައިން ހެދީ ފަލަސްތީނުގެ ތާރީޚާ ވީހާވެސް ގުޅުވާފަ. ޓީޝާޓުގެ އިތުރުން ފަލަސްތީންގެ ދިދަވެސް އަޅުގަނޑުމެން ވިއްކަން" މަލިކް ވިދާޅުވިއެވެ.
ކެޕްޓަން މޯލްޑިވްސްއިން ވިއްކަމުން އަންނަ ފަލަސްތީނުގެ ދިދައިގެ އަގަކީ 150 ރުފިޔާއެވެ. އެއީ 3 ފޫޓް 2 ފޫޓްގެ ދިދައެވެ. އަދި އަތް ދިގު ޓީޝާޓް ވިއްކަމުން އަންނަނީ 210 ރުފިޔާއަށެވެ. އަދި އަތް ކުރު ޓީޝާޓްގެ އަގަކީ 200 ރުފިޔާއެވެ. ޓީޝާޓުގައި ބޭނުންނަމަ ނަންބަރު އަދި ނަން ޖެހުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ޓީޝާޓް އޯޑަރު ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 9 ޖޫން އެވެ.
ކެޕްޓަން މޯލްޑިވްސްއިން ކުރިޔަށް ގެންދާ މި އިވެންޓަކީ އިންޓަރނޭޝަނަލް އެއިޑް ކެންޕެއިންގެ އިތުރުން އިތުރު 10 ޖަމިއްޔާ އަކާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތުގައި ބައިވެރިވާ ޖަމިއްޔާތަކަކީ، އުންމީދު (ރ.މީދޫ)، ޖަމިއްޔަތުއްސަލާޙް (ރ.މީދޫ)، ޑޫޒައިންސް ފައުންޑޭޝަން (ރ.މީދޫ)، މީދޫ އެކުވެރި ކްލަބް (ރ.މީދޫ)، ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ (ޏ.ފުވައްމުލަށް)، ޑާކް ޕާކް (ރ.ދުވާފަރު)، ގަބުރު އެފްސީ (ސ.މަރަދޫ)، ތަންގަނޑު އެފްސީ (ރ.މީދޫ)، މާންސް ގްރޫޕް (އއ.މަތިވެރި)، ވެސްޓް ވިންގް (ބ.އޭދަފުށި) އެވެ.
ކެޕްޓަން މޯލްޑިވްސްއިން ބުނީ މިފަދަ ހަރަކާތެއްގައި މިޖަމިއްޔާތަކުން ޝައުގުވެރިކަން ފާޅުކޮށް، ހަރަކާތުގައި ބައިވެރިވެދެއްވި ކަމަށް ޓަކައި ހުރިހާ ޖަމިއްޔާތަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.