ކުޅުދުއްފުށީ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮޖެކްޓެއް ފަށައިފި

ހދ ކުޅުދުއްފުށީގެ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.
މި ޕްރޮޖެކްޓު ފައްޓަވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލުވާން މުހައްމަދު (ރިލޭ) ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ގަސް އިންދަން ފެށީ ބަންޑާރަ މަގުގައި ކަމަށެވެ. އަދި މިއީ ވަކި ވައްތަރެއްގެ ގަސްތަކެއް ވަކިގޮތަކަށް ހެއްދުމަށް އިންދި ގަސްތަކެއް ކަމަށް ވެސް ރިލޭ ވިދާޅުވިއެވެ.
ރިލޭ އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ގަސްތައް ބަލަހައްޓާ މޮނިޓަރ ކުރުމުގެ މަސައްކަތް ކައުންސިލުން ކުރައްވަމުން ގެންދަވާނެ ކަމަށާއި، މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ އިތުރު މަގުތަކުގައި މި ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން މިއަދު ހެނދުނު ބަންޑާރަ މަގުގައި 126 ރަންކާނި ގަސް ވަނީ އިންދައިފައެވެ. ހަމައެހެންމެ އައު ބަނދަރު ސަރަހައްދުގައި ވެސް 50 ގަސް އިންދައިފައި ވެއެވެ.