މިނިސްޓަރ މަހްލޫފަށް ދައުވާ ކުރަން ފޮނުވައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ފޮނުވައިފިއެވެ.
ދާދި ފަހުން މަޖިލީހުން އާންމު ކުރި، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ޚިޔާނާތުގެ ލިސްޓުގައި ވެސް މަހުލޫފްގެ ނަން އޮތެވެ. އެހެން ނަމަވެސް މަހުލޫފް ވިދާޅު ވަނީ އޭނާއަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގު ނިންމުމަށް ފަހު، އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ މިއަދުއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓުގައި ނަން އޮތުމުން މަހުލޫފް ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން ތިއްބެވި ބޭފުޅުންގެ ނަން ހިމެނޭ ގޮތަށް އާންމުކުރީ "ސިޔާސީ" ލިސްޓެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން މަހްލޫފް އޭރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި 2019ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އޭނާ ސަސްޕެންޑްކޮށްފައި ކަމަށާއި ތަހުގީގީ އިދާރާތަކުން އޭނާގެ މައްސަލައެއް ބަލަމުން ނުދާތީ އަލުން މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ކަމަށް މަހްލޫފްގެ ޕޯސްޓްގައިވެއެވެ.