ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 175،000 އަށްވުރެ މައްޗަށް

ރައުފާ ރަޝީދު
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން 175،000އަށް ވުރެ ގިނަ މީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 175،118އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 313،085އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 432 މީހަކު ޖަހާފައިވާއިރު މާލެ ސަރަހައްދުން 79 މީހަކު ވެކްސިން ޖަހާފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 586 މީހުންނާއި، މާލެ ސަރަހައްދުން 273 މީހުން ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.