ދުނިޔެ

ލޮކްޑައުން ނިންމުމަށް އަނެއްކާ ވެސް ހަތަރު ހަފްތާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިންގްލެންޑް ލޮކްޑައުން ކުރި މުއްދަތު އިތުރު އެއް މަސް ދުވަހަށް އަނެއްކާ ވެސް ދަންމައިލާން ޖެހިދާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް އިންގްލެންޑްގައި ވެސް ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ ބަލި ކޮންޓްރޯލު ކުރުމަށް ޓަކައި އިއުލާނު ކުރި ލޮކްޑައުން ނިމުމަކަށް ގެންނަން ކުރިން ނިންމީ މިމަހުގެ 21ގެ ކުރިންނެވެ، އެއާ އެކު އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދޭނެކަމަށް ވެސް އެއިރު ބުނެފައިވެއެވެ.

ނަމަވެސް އެ ޤައުމުގައި ހަލުވިކަ މާއެކު ފެތުރެމުންދާ ކޮވިޑްގެ "ޑެލްޓާ" ވޭރިއަންޓްގެ ސަބަބުން، ލޮކްޑައުން އުވައިލުމާއި ލުއިތައް ދިނުން މަޑުޖައްސައިލުމަށް އިންގްލެންޑް ސަރުކާރުން ވިސްނަމުން ދާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ ބީބީސީއަށް މައުލޫމާތު ދީފައެވެ.

ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރު މަޝްވަރާކޮށް، އެ ޑޭޓާތައް އަޅަމުން ދާ ކަމަށާއި ލޮކްޑައުންގެ މުއްދަތު ހަތަރު ހަފްތާއަށް އިތުރު ކުރުމަކީ އޭގެތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމަށް ވެސް ބުނެފައިވެއެވެ.

އިންގްލެންޑްގެ ސަރުކާރުގެ ފަރާތުން މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުން ވެކްސިނޭޝަން ޕްރޮގްރާމް މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދެވޭނެކަމަށް ވެސް ގަބޫލު ކުރާ ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އިންގްލެންޑްގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފިނަމަ ނައިޓްކްލަބްތަކާއި ކެފޭ ރެސްޓޯރަންޓްފަދަ ތަންތަން ހުޅުވުން އަނެއްކާ ވެސް ފަސް ވާނެއެވެ. އަދި ކައިވެނި ހަފްލާތަކާއި މި ނޫން ވެސް ހަފްލާތައް ބޭއްވުން ވެސް މަނާ ވާނެއެވެ. މިކަންކަން މިހާރު ވެސް މަޑުޖައްސައިލައިފައި ހުރުމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުމާ ނުރުހުން އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!