ސައިކަލު ދުއްވަން އިން މީހާ ފިލި ނަމަވެސް އޭނަގެ އިހުމާލެއް ނެތް: ޔަޒްދާންގެ އާއިލާ
މިދިޔަ މަހުގެ 29 ވަނަ ދުވަހު ހިނގި ސައިކަލު އެކްސިޑެންޓެއްގައި އިސްމާއިލް ޔަޒްދާން ނިޔާވި ހާދިސާގައި، އެ ސައިކަލު ދުއްވަން އިން އަހްމަދު އާތިފް އަބްދުﷲ ފިލައިގެން ދިޔަ ނަމަވެސް އޭނާގެ މާބޮޑު އިހުމާލެއް އެކަމުގައި ނެތް ކަމަށް ޔަޒްދާންގެ އާއިލާއިން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގި އިރު ޔަޒްދާން އިނީ އާތިފު ދުއްވަން އިން ސައިކަލުގެ ފަހަތުގައެވެ.
އެކްސިޑެންޓު ހިނގުމާ އެކު އާތިފް ވަނީ ސައިކަލު ދޫކޮށް ފިލައިފައެވެ. އެމްބިއުލޭންސަށް ލައިގެން ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެ ސަރަހައްދުގައި އެވަގުތު ތިބި ބައެކެވެ.
އާތިފު ހައްޔަރު ކުރީ އޭނާ ފިލިތާ ދެ ދުވަސް ފަހުންނެވެ.
މި މައްސަލައިގައި މިއަދު ބޭއްވި ބަންދުގެ މަޖިލީހުގައި އާތިފްގެ ވަކީލު ވިދާޅުވީ ޔަޒްދާން ނިޔާވުމުގައި އާތިފްގެ މާ ބޮޑު އިހުމާލެއް އޮތް ކަމަށް ނުދެކޭ ކަަމަށް ޔަޒްދާންގެ އާއިލާއިން ދެކޭ ކަމަށެވެ.
މީގެ އިތުރުން އާތިފުގެ ތިން މަހުގެ ދަރިއެއް ހުރުމާ އެކު އެ ކުއްޖާއަށް އަޅައިލާނެ މީހަކު ނެތުމުން އޭނާ ބަންދުން ދޫކޮށްލުމަށް ވެސް ޔަޒްދާންގެ ވަކީލު އެދުނެވެ. ނަމަވެސް ބަންދުގެ މަޖިލީހުގައި، އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ޔަޒްދާން ނިޔާވުމުގައި އާތިފްގެ އިހުމާލު ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން އާތިފް ސައިކަލް ދުއްވީ މާ ބާރަަށް ކަމަށާއި އަދި ސީސީޓީވީ ފުޓޭޖުން ވެސް އެކަން އެނގޭ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އަދި ޔަޒްދާންގެ އާއިލާގެ ކިބައިން އާތިފް މާފަށް އެދިފައިވާ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
އާތިފްގެ ވަކީލާއި އިންވެސްޓިގޭޝަން އޮފިސަރުގެ ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އާތިފް ބަންދުން ދޫނުކުރުމަށެވެ. އަދި އޭނާގެ ބަންދަށް މިހާރު ވަނީ އިތުރު 15 ދުވަސް ވެސް ޖަހައިފައެވެ.