ބީއެމްއެލްއިން ލޯނު ނުދިނީ ހަމުގެ ކުލަ އަލި ނުވުމުން ކަމަށް ވެދާނެ: ޖާބިރު
ރިސޯޓު ތަރައްގީކުރުމަށް ބޭނުންވާ ލޯނު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނުދިނީ ހަމުގެ ކުލަ އަލި ނުވުމުން ކަމަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިތަކަށް ލުއި ދިނުމާ ބެހޭ ގޮތުން މިއަދުގެ މަޖިލީހަށް ހުށަހެޅިފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ޖާބިރު ވިދާޅުވީ އެ ގަރާރަށް ތާއީދު ކުރައްވަނީ، ގަރާރު ކޮމިޓީއަށް ގެންގޮސް ސަރުކާރުން ލާރި ހޯދާނެ ގޮތެއް ސަރުކާރަށް ކިޔައިދޭން ކަމަށެވެ.
އެގޮތުން ވިޔަފާރިތަކަށް އެހީވާ ފަދައިން ގޭގައި ބަންދުވެފައި ތިބި މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން ގޭބީސީ ތަކުގައި ދިރިއުޅޭ އެންމެންނަށް ވެސް އެހީވާން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ވިޔަފާރިތައް ހިންގުމަށް އުނދަގޫވަނީ ގަވާއިދުތަކާއި ގާނޫނުތައް މާގިނަވުމުން ކަމަށެވެ. އަދި ވިޔަފާރިތައް ފްރީ ހޭންޑެޑްކޮށް އޮޕަރޭޓް ކުރެވޭނެ ނިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ކާށިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑު މިވަގުތު އޮޕަރޭޓު މި ކުރަނީ މިހާރު ހުވަދުއަތޮޅުގައި އަޅުގަނޑު ހަދަމުންދާ ވަޓަވައްރެހާގަ. އިއްޒަތްތެރި ރައީސް މިތަން މިއޮތީ 80 ޕަސެންޓު އަޅުގަނޑު އެކުއިޓީން ހަދާފަ. 40 މިލިއަނުން. އެކަމަކު ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނުދިން. ވެދާނެ ފަހަރެއްގަ އަޅުގަނޑު ކުލަ އަލި ނުވީމާ ކަމަށް. އަޅުގަނޑަކީ އެ ބުނާ ކެޓެގަރީ." މެންބަރު ޖާބިރު ވިދާޅުވިއެވެ
މީގެ އިތުރުން ޖާބިރު ވިދާޅުވީ ވަޓަވައްރެހާ ނިންމުމަށް ޓަކައި ބޭނުންވާ ފައިނޭންސް ބީއެމްއެލް މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް އިންތިހާބުގެ ތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވި ކަމަށެވެ.