ޚަބަރު

މަހްލޫފަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ: ޕީޖީ އޮފީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ވިދާޅުވީ ކުށްކޮށްގެން ހޯދާފައިވާ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން އެނގޭތީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު ދައުވާކުރަން ފޮނުވާފައިވާ މައްސަލައާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އެމައްސަލަ އަދިވެސް އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި މީގެ ކުރިން ވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރައްވާފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން މިނިސްޓަރުކަމުގެ މަގާމުން އެކަހެރިވެ ހުންނަވާ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އަދި އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެކަމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި އޭނާ މަގާމުން ވަކިކުރުން ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!