ޚަބަރު

އެއް ކޮޓަރީގެ ފްލެޓުތައް ގެއްލުނު މީހުންނަށް އިތުރު ގޮތެއް ހޯދައިދޭން ޖެހޭ: މޭޔަރު މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެއް ކޮޓަރީގެ ފްލެޓް ލިބުނު ކަމަށް ލިސްޓް ކުރި މީހުންނަށް އެހެން މަޝްރޫއުއަކުން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހައުސިންގ މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ގެނައި ބަދަލަކާ އެކު އެއް ކޮޓަރީގެ ފްލެޓްތައް އުނި ކުރި ނަމަވެސް އެމީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިތުރު ގޮތެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވެ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ނަމަވެސް އެފަދަ ގޮތަކަށް ބަދަލުކުރާ ނަމަ، އެމީހުންނަށް އެހެން ގޮތަކަށް ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށެވެ.

"އޭރުގެ ސަރުކާރުން ނިންމީ އަލަތު ކައިވެނީގެ ކެޓަގަރީން ކުރިމަތިލި ހުރިހާ އެންމެނަށް ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅައި ދާއިމީ ލިސްޓް ނެރެން،" ހިޔާ މަޝްރޫއު ތައާރަފްކުރި އިރު ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަކީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ އެޗް11 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޚާއްސަ އެޗް13 ކެޓަގަރީގެ އިތުރުން އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަކުރި އެޗް15 ކެޓަގަރީއެވެ. އޭގެ ދަށުން އޭރުގެ ސަރުކާރުން ނިންމީ އެ ފްލެޓްތަކަށް ކުރިމަތިލި އެންމެނަށް ފްލެޓް ދޭށެއެވެ. އެއީ 1،000 އަށް ވުރެ ގިނަ މީހުންނެވެ. އެކަމަކު ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް އުވައިލީ، އެކަށީގެންވާ ވަރަށް އެއް ކޮޓަރީގެ ފްލެޓް ލިބެން ނެތުމުން ކަމަށް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!