ރިޕޯޓް

މަރާމާތު ކުރިތާ އަހަރެެއް ވެސް ނުވަނީސް “ހުދުހުދު” އަނދައި އަޅިއަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހިމް ޝަމްވީލް

މިއަދު ހެނދުނު 6:08 ހާއިރު މޭރީ ބްރައުން ކުރިމަތީގައި ހިނގި އަލިފާނުގެ ހާދިސާގައި 4 ލޯންޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

Ads by Hajj Corporation

އެތަނުގައި އެނދި “ހުދުހުދު” ލޯންޗުގެ ވެރިޔާ “ދެން”އަށް މައުލޫމާތު ދެމުން ބުނީ އޭނާއަކީ ވިލިމާލޭގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާއަށް ހާދިސާ ހިނގައިގެން އުޅޭކަން އެނގުނީ ލޯންޗު ބަލަހައްޓަން ހަވާލު ކޮށްފައިވާ ބަންގްލަދޭޝް މީހާ ގުޅައިފައި ބުނުމުން ކަމަށެވެ.

އޭނާ ވިލިމާލެއިން މާލެއަަށް އައިއިރު އަލިފާންގަނޑު ނިއްވައިލެވިފައި ވީ ނަމަވެސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

އޭނާ ބުނީ އެ ލޯންޗަކީ މީގެ ކުރިން އަތޮޅު ތެރޭގައި ދުއްވަމުން އައި ލޯންޗެއް ކަމަށެވެ. އަދި ލޯންޗު މަރާމާތުކޮށް މާލެ އަތޮޅުގައި ދުއްވަން ގެނައިތާ އަދި އަހަރެއް ވެސް ނުވާނެ ކަމުގައި އޭނާ ކިޔައިދިނެވެ.

ދިގުމިނުގައި 6.7 މީޓަރު އަދި ފުޅާމިނުގައި 1.829 މީޓަރު ހުންނަ “ހުދު ހުދު” ލޯންޗު ބަނދެ ނިމުނީ 2016ވަނަ އަހަރުގައެވެ. އަދި މާލެ އަތޮޅުގައި ދަތުރުތައް ކުރުމަށް ޓަކައި ގިނަ ޚަރަދުތަކެއް ކޮށް ދާދި ފަހުން ލޯންޗު މަރާމާތު ކޮށްފައިވާނެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ

ދެން ފައިލް ފޮޓޯ

މި ލޯންޗަކީ ފަސިންޖަރުން އުފުލުމަށް ބޭނުން ކުރާ ލޯންޗެކެވެ. ލޯންޗުގައި އެއް އިންޖީނު އަަޅައިފައިވާއިރު އަލިފާނުގެ ހާދިސާގައި ލޯންޗާއި އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

“ގާތްގަނޑަކަށް 7 ލައްކަ ރުފިޔާގެ ގެއްލުން މިއީ، އިންސިއުރެންސް ވެސް ކޮށްފައެއް ނޫން އޮތީ” އޭނާ ބުންޏެވެ.

މި ހާދިސާގައި އެކަކަށް ގެއްލުންވިއެވެ. އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ސަރަހައްދުގައި ހުރެ “ދެން”އާ ވާހަކަ ދައްކަވަމުން މަންޒަރު ދުށް މީހަކު ބުނީ އެމީހާގެ މޫނުމަތި ވެސް ފިހިފައިވާ ކަމަށެވެ. އަދި އެމީހާ އެ ހާދިސާ ހިނގިއިރު ހުރީ ލޯންޗު ތެރޭގައި ކަމަށް ވެސް އޭނާ ކިޔަދިނެވެ.

Ads by HDC
  1. އަހްމަދު

    ހުދުހުދުު – – > ކަޅުކަޅު