ޚަބަރު

އޭސީސީއަކަށް ދައުވާއެއް ނުކުރެވޭނެ، މިމަހު ރާއްޖެ އަންނާނަން: މަހުލޫފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމުގެ ތުހުމަތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅީ ޗުއްޓީގައި ހުންނަވަނިކޮށް ކަމަށާއި މިމަސް ނިމުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެ ވަޑައިގަންވާ ތާރީޚެއް ސާފު ކުރުމަށް "ދެން" އިން ސުވާލު ކުރުމުން މަހްލޫފް ވިދާޅުވީ، އެމަނިކުފާނު މިވަގުތު ހުންނެވީ ދުބާއީގައި ކަމަށާއި އެޤައުމަށް ވަޑައިގަތީ ޖޫން 3 އިން 19އަށް މިނިސްޓްރީން ޗުއްޓީ ނަންގަވައިގެން ކަމަށެވެ. އަދި 19 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފައިވާ ކަަމަށާއި އެންމެ ލަސްވެގެން މިމަހު 25 ގައި ހުންނާނީ ރާއްޖޭގައި ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީގެ އޮފީހަށް 9 ޖޫންގައި ފޮނުވުމާ އެކު އެމަނިކުފާނު ވަނީ މަސައްކަތުން އެކަހެރި ކުރައްވާފައެވެ.

މަޙްލޫފްގެ މައްޗަށް އުފުލައިފައިވާ މައްސަލައާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އޭސީސީއަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ނުލިބޭނެ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފުވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ކުރިން ދަޢުވާ ފޮނުވި ފަރާތްތަކަށް ވެސް ދަޢުވާކޮށްފައި ވަނީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ގަރާރުގަ ރައީސް ހަމަ ސާފުކޮށް ބަޔާންކޮށްފަ އޮންނާނެ އޭސީސީއާއި ޕޮލިހާ ތަންތަނުން އެކަށީގެންވާ ވަރަށް މައްސަލަ ބަލާފަ ނުވާތީ ، ކޮމިޝަންއެއް އުފެއްދީ ކަމަށް. އަދި ޕޮލިހާ އޭސީސީއާ ތަންތަނުން ބަލަމުން ދިޔައީ އެއާ ގުޅުން ހުރި މައްސަލަތައް ހައިކޮމިޝަން ދަށަށް ގެނެސް އެ ކުރިހާ ކަމެއް ކުރީ. އަދި ކޮމިޝަނުން އަޅުގަނޑުގެ ކުރިއަށް ދައުލަތުގެ ހުރި ދެތިން މީހަކަށް ދައުވާ ކުރުމަށް މައްސަލަތައް ފޮނުވާފަ ވެސް ހުންނާނީ." މަހްލޫފް ވިދާޅުވިއެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވާފައި ވަނީ 17 ނޮވެންބަރު 2018 ގައެވެ. މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެކަންކަން ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ވެސް އެ ޤަރާރުގައި ވެއެވެ.

މަހްލޫފް މީގެ ކުރިން ވެސް ވަނީ މިމައްސަލައިގައި ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން، 16 އޭޕްރީލްގައެވެ. މަހްލޫފް ސަސްޕެންޑްގައި ހުރި ދުވަސްވަރު ޔޫތް މިނިސްޓްރީ ހިންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބެލުމުގެ ދަށުންނެވެ.

ދައުވާއާ ގުޅިގެން މިވަގުތު ދިރިއުޅުމެއް ބަދަލެއް އައިސްފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ، ސަސްޕެންޑް ކުރިތާ އަދި ކުޑަ ދުވަސްކޮޅެއްވީތީ އަދި ތަފާތެއް ނުފެންނަ ކަމަށެވެ. އަދި މީގެ ކުރިން ބޮޑު ބަދަލެއް ފާހަގަވެފައި ވަނީ އަލުން އަނބުރާ މަސައްކަތަށް ނިކުންނަން ފެށުމުން ކަަމަށް ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ، މިހާރު ހުންނެވި ދަތުރުފުޅުގައި ބައްދަލު ކުރަން ރޭވި ބައެއް މީޓިންތައް ހުއްޓައިލަން ޖެހުނު ކަމަށެވެ.

"އެކަމަކު މީގެ އެންމެ ބޮޑު ތަފާތެއް އަޅުގަނޑަށް ކުރީ ފަހަރު ވެސް ފާހަގަވީ، މަސައްކަތަށް އިނގޭތޯ. އެފަހަރު ވެސް ހަތަރު ވަރަކަށް މަސް ވެފަ ދެން އަނެއްކާ ވެސް މަސަައްކަތަށް އަލުން އައީ. އައި އިރުގަ ވަގުތީި ގޮތުން އޭރު އަލީ ވަހީދު ހަވާލުވެ ހުންނެވީ، ވަރަށް ބޮޑަށް މަސައްކަތް އޮޅުން ބޮޅުން އަރާފަ އޮތީ." މަހްލޫފް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ތަކުރާރުކޮށް މަހްލޫފް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ، ކޮމިޝަނުން ދަޢުވާކޮށް ޕީޖީއިން އޭނާގެ މައްޗަށް ކޯޓަށް ފޮނުވާ ހިސާބުން މަޤާމުން އިސްތިއުފާ ދެއްވާނެ ވާހަކަ ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާއަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުނެފައިވެއެވެ. މީގެ ކުރިން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އެހެން ނަމަވެސް މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީއާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވައިލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!