ކޯވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 181،000އަށް ވުރެ މައްޗަށް
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 862 މީހުން ފުރިހަމަ ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 181،118އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 314،755އަށް އަރައިފައެވެ.
އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 161 މީހަކު ޖަހައިފައިވާއިރު މާލެ ސަރަހައްދުން 56 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 580 މީހުންނާއި، މާލެ ސަރަހައްދުން 282 މީހުން ފުރިހަމަކޮށްފައި ވެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.