އިސްލާއީލުން ފަލަސްތީނަށް ވެކްސިން ދޭން ނިންމި ނިންމުމަކީ ބޮޑު އޮޅުވައިލުމެއް
އިސްރާއީލުން ފަަލަސްތީނަށް ދޭން ނިންމި ކަމަށް ބުނާ ވެކްސިންގެ ޑޯޒްތަކަކީ މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިންތަކެއް ކަމަށް ވުމުން، އެ ވެކްސިންތައް ބޭނުން ނުކުރަން ފަލަސްތީންގެ އިރުމަތީ ޤުދުސްގައި ވެރިކަން ކުރަމުން އަންނަ ފަލަސްތީނިއަން އޮތޯރިޓީ، ޕީއޭއިން ނިންމައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވި ނަފްޓާލީ ބެނެޓް އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮންނަ ގުޅުން އިތުރު ބަދަހި ކުރުމުގެ ގޮތުން 1.3 ބިލިޔަން ޑޯޒްގެ ފައިޒާ ވެކްސިން ފަލަސްތީނަށް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ވެކްސިން ދޭން ނިންމި ޝަރުތުތައް ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްތީނިއަން އޮތޯރިޓީން ބުނެފައި ވަނީ އިސްރާއީލުން އެޤައުމަށް ވެކްސިން ދޭން ނިންމީ، މިއަހަރުގެ ތެރޭގައި އިސްރާއީލަށް ވެކްސިން އަނބުރައި ހޯދައިދޭން ޝަރުތުކޮށްފައި ކަމަށެވެ. އަދި ދޭން ނިންމި ވެކްސިނަކީ ވަރަށް އަވަހަށް މުއްދަތު ހަމަވާ ވެކްސިންތަކެއް ކަމަށާއި ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚާ ބެހޭ ގޮތުން އިސްރާއީލުން ދޮގު ހަދައިފައިވާ ކަމަށެވެ.
"އަހަރެމެން އެއްބަސްވީ ވެކްސިންތަކާ ހަވާލުވުމަށް، އެކަމަކު އިސްރާއީލުން ހެދީ ދޮގު. އިސްރާއީލުން ބުނީ ވެކްސިންތަކުގެ މުއްދަތު ހަމަވާނީ ޖުލައި/އޯގަސްޓް ހިސާބުގައޭ. އެހެން ކަމަށް ވަނީ ނަމަ އަހަރެމެންގެ ކެޕޭސިޓީން ވެކްސިން ޖަހާ ހުސްކޮށްލެވޭނެ. އެކަމަކު ވެކްސިންތައް މި ހިނގާ ޖޫން މަހު އެކްސްޕަޔަރވޭ" ފަލަސްތީނިއަން އޮތޯރިޓީގެ ހެލްތް މިނިސްޓަރ މިއާ އަލްކިއާލާ ވިދާޅުވިއެވެ.
އިސްރާއީލާއެކު ހެދި ޑީލް ކެންސަލް ކުރުމަށް ފަލަސްތީނުން ނިންމައިފައި ވަނީ ވެކްސިން ޝިޕްމެންޓްގެ ފުރަތަަމަ 90،000 ޑޯޒް ފަލަސްތީނަށް ފޮނުވި ފަހުންނެވެ. މުއްދަތު ހަމަވާ ތާރީޚް ޔަގީންވުމުން ފަލަސްތީނުން ވަނީ މި ވެކްސިންތައް އަނބުރާ ފޮނުވައިލައިފައެވެ.
އިތުމަތީ ޤުދުސް އަދި ޣައްޒާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ 30 އިންސައްތަ މީހުންނަށް ވެކްސިންގެ އެއް ޑޯޒް ދީފައިވާ ކަމަށް ފަލަސްތީނުންގެ އިދާރާތަކުން ހާމަކުރެއެވެ. މިއީ ރަޝިއާ، ޗައިނާ، ޔޫއޭއީ އަދި ކޮވެކްސްއިން އެޤައުމަށް ހަދިޔާ ކުރި ވެކްސިނެވެ.