ދުނިޔެ

މިލްކާ ސިންގާއި އޭނާގެ އަންހެނުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މިލްކާ ސިންގް ޒުވާން ދުވަސްވަރުގެ ފޮޓޯއެއް

އިންޑިއާގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގު އުމުރުން 91 އަަހަރުގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މަރުވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެ، ފަރުވާ ދެމުން ދަނިކޮށެވެ.

މިލްކާ ސިންގް އިއްޔެ މަރުވެފައިވާއިރު މި ހަފްތާގެ ތެރޭގައި މިލްކާ ސިންގްގެ އަންހެނުން މަޝްހޫރު ވޮލީ ކުޅުންތެރިޔާ ނިރްމާލް ކޯރް ވެސް ވަނީ ކޮވިޑް-19 ޖެހިގެން މި ދުނިޔެ ދޫކޮށްފައެވެ.

މިލްކާ ސިންގްގެ ހަޔާތާ ގުޅޭ ގޮތުން 2013 ވަނަ އަހަރު ބޮލީވުޑްއިން ވަނީ ފިލްމެއް ނެރެފައެވެ. ބާގް މިލްކާ ބާގް،ގެ ނަން ދީފައިވާ މި ފިލްމް ވެގެން ދިޔައީ އެ އަހަރުގައި ނެރުނު އެންމެ ހިޓް އެއް ފިލްމަށެވެ.

"ދަ ފްލައިން ސީކް"ގެ ނަމުން މަޝްހޫރު ވެގެން ދިޔަ މިލްކާ ސިންގް ވަނީ 4 އޭޝިއަން ގޯލްޑް މެޑަލް ހޯދައިފައެވެ. އަދި 1960 ވަނަ އަހަރު ރޯމްގައި އޮތް 400 މީޓަރުގެ ދުވުމުން އޭނާ ވަނީ ހަތަރުވަނަ ހޯދައިފައެވެ.

މިލްކާ ސިންގް މަރުވުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ ވަނީ އޭނާގެ އާއިލާއަށް ތައުޒިއާ ފޮނުއްވައިފައެވެ. މިގޮތުން މޯދީ ކުރެއްވި ޓްވީޓެއްގައި މިލްކާ ސިފަ ކުރައްވަމުން ވިދާޅުވީ މިލްކާއަކީ މިނިވަން އިންޑިއާގެ ފުރަތަމަ އެތްލީޓް ކަމަށެވެ. އަދި އޭނާ ޤައުމަށް ހޯދައި ދިން ނަމަށް އަދިވެސް ޤައުމު ދަރަނިވެރި ވެފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މިލްކާ ސިންގަކީ ކޮމެންވެލްތުގެ ގޯލްޑް މެޑަލްއެއް އިންޑިއަށް ހާސިލްކޮށްދިން ފުރަތަމަ ދުވުންތެރިޔާއެވެ. 1959ވަަނަ އަހަރު އޭނާއަށް ދަ ހެލްމް ވޯލްޑް ޓްރޮފީ ލިބިފައިވެއެވެ. އޭނާގެ ކެރިއަރުގައި ބައިވެރިވި 80 ދުވުމުގެ ތެރެއިން 77 ދުވުމުން ވަނަ ހާސިލްކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!