ޚަބަރު

ގުޅިފަޅުގެ މަޝްވަރާ ނުފެށޭތީ ރައީސް ޞާލިޙަށް މޭޔަރުގެ ސިޓީއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

ގުޅިފަޅުގެ ޕްލޭން ރިވައިސް ކުރުމަށް ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވެ މަސް ދުވަސް ވެފައިވީ އިރު ވެސް އެކަން ވެފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސިޓީއެއް ފޮނުއްވައިފިއެވެ.

Ads by STELCO

މި ސަރުކާރުން ގުޅިފަޅުގައި ކުރިއަށް ގެންދަން ނިންމައިފައި އޮތް ބޮޑު މަޝްރޫޢުއަކަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވީ މެއި 27 ގައި ޑރ. މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެބައްދަލުވުމާ ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެއް ކަމަށްވާއިރު އެކަން ކޮށްދޭން މާލޭގައި ބިމެއް ނެތް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން އެކަނި ވެސް އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އެދެނީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ބަދަލު ކުރުން ކަމަށާއި އެކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ދެންނެވި ކަމަށެވެ.

ޑރ. މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ލިބޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ރިވައިސް ކުރުމަށް ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވެ، ހަތަރު ހަފްތާ ވާންދާއިރު ވެސް އެކަން ނުވާތީ މިއަދު ރައީސުލްޖުމްހޫރިއްޔާ އެކަން އަވަސް ކޮށްދޭން އެދި ސިޓީއެއް ލާފައިވާނެ ކަމަށެވެ.

ގުޅިފަޅާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވިސްނުން ހުރި ގޮތް އޮޅުންފިލުއްވައި ދެއްވުމުން ގުޅިފަޅުގެ މަޝްރޫއުގައި މާލެ ސިޓީ ކައުންސިލުން ވަރަށް މުހިއްމު ދައުރެއް އަދާ ކުރަން ޖެހޭ ކަމުގައި ރައީސް ޞާލިޙު ކުރިން ވިދާޅުވި ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ކުރިން ފާހަގަ ކުރައްވައިފައެވެ. އަދި ސީދާ މޭޔަރުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ގުޅިފަޅު ޕްލޭން ނިންމަން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!