ޚަބަރު ރައްޔިތުންގެ މަޖިލިސް

ވޯޓު ލީކުވީ މައްސަލަ ބެލުމަށް އިތުރު މުއްދަތެއް ދީފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި ބަލަމުން ދިޔަ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލްގެ މައްސަލައިގައި މެންބަރުން ވޯޓު ދެއްވިގޮތް ލީކުވި މައްސަލަ ބެލުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފިއެވެ.

Ads by Sosun Fihaara

އިމްތިޔާޒު ކޮމިޓީން މިމަހުގެ ހަވަނަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމުގައި، ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި އެ ބައްދަލުވުން ނިންމާލިތާ އިރުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް މީސްމީޑިއާގައި ވަނީ ލީކު ވެފައެވެ.

އެ މައްސަލަ ހޫނުވެ އެކި މެންބަރުންނަށް ވަނީ މަރުގެ އިންޒާރުތައް ވެސް ލިބިފައެވެ. އަދި މި މައްސަލަ ބެއްލެވުމަށް ސަބް ކޮމިޓީއެއް ވެސް ވަނީ މިހާރު އެކުލަވައިލައިފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ މައްސަލަ ބަލައި ނިންމާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، މިއަދު ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން ވަނީ މި މައްސަލަ ބަލައި ނިންމެވުމަށް އޯގަސްޓް މަހުގެ 30އާ ހަމައަށް މުއްދަތު އިތުރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މެންބަރު ހާރޫންގެ މި ހުށަހެޅުއްވުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ތާއީދު ކުރައްވައިފައެވެ. އަދި އަންނަ އޯގަސްޓް މަހުގެ 30 އާ ހަމައަށް މައްސަލަ ބަލައި ނިންމުމުގެ މުއްދަތު އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސް ވެސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!