ކަންގްނާ މަޝްހޫރުވި ބައެއް ފިލްމުތަކަށް ފުރަތަމަ ނަގަން އުޅުނީ އޭނައެއް ނޫން!

ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު ވަކާލާތު ކުރި އެއްކަމަކީ ކަންގްނާ ދޫކޮށްލައިފައިވާ ބައެއް ފިލްމުތައް ދޭން އެދި އެކްޓްރެސް ތާޕްސީ ޕައްނޫ ޕްރޮޑިއުސަރުން ގާތުން އާދޭސް ކުރި ކަމެވެ.
ކަންގްނާގެ މި ވާހަކަތަކުން އޭނާއަކީ އިންޑަސްޓްރީގައި ވަރަށް އިސް މީހެއް ކަމަށް ހީވެއެވެ.
ނަމަވެސް މިއަދުގެ ބައެއް ރިޕޯޓުތަކަށް ބަލާއިރު، ކަންގްނާ މަޝްހޫރުވި ބައެއް ފިލްމުތަކުގައި އެކްޓު ކުރަން ޕްރޮޑިއުސަރުން އެންމެ ފުރަތަމަ ކަނޑައެޅީ ވެސް އޭނައެއް ނޫނެވެ. އެގޮތުން ކަންގްނާއަށް ވަރަށް ބޮޑަށް މަޝްހޫރުވި "ކުއީން" ވެސް ހިމެނެއެވެ. ކުއީން ކުޅެން އެންމެ ފުރަތަމަ ހުށަހެޅީ ކަރީނާ ކަޕޫރް ޚާން އަށެވެ.
މީގެއިތުރުން "ތަންނޫ ވެޑްސް މަންނޫ"އަކީ ވެސް އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމެކެވެ. ނަމަވެސް ކަންގްނާއަށް މި ފިލްމު ހުށަހެޅުމުގެ ކުރިން ހުށަހަޅައިފައި ވަނީ ނީތޫ ޗަންދްރާ އަށެވެ.
ކަންގްނާ މަޝްހޫރުވި އިތުރު ފިލްމަކަށް ބަލާއިރު "ވަންސް އަޕޯން އަ ޓައިމް އިން މުމްބައި" ވެސް އޭނާއަށް ލިބިފައި ވަނީ ޕްރިޔާންކާ ޗޯޕްރާ އާއި ކެޓްރީނާ ކެއިފް އެ ފިލްމު ނުކުޅެން ނިންމި ފަހުންނެވެ.
މީގެއިތުރުން ކަންގްނާ އެންމެ މަޝްހޫރުވި އޭނަގެ ފުރަތަމަ ފިލްމު "ގޭންގްސްޓާ" ވެސް ފުރަތަމަ ލިބުނީ އޭނައަށް ނޫން ކަމަށާއި އެ ފިލްމު ފުރަތަމަ ހުށަހެޅީ މަލިކާ ޝެރާވަތަށް ކަމުގައި ވެސް ރިޕޯޓުތަކުން ބުނެއެވެ.