ބްރެޒިލްގައި މުއްދަތު ހަމަވެފައިވާ ކޮވިޝީލްޑް ވެކްސިން ޖެހި މައްސަލައެއް

ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން އަންނަ ބްރެޒިލްގައި މުއްދަތު ހަމަވެފައިވާ ކޮވިޑް-19 ވެކްސިން ޖެހި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ބްރެޒިލްގެ ހެލްތް މިނިސްޓްރީން އާއްމު ކުރާ ތަފާސް ހިސާބުތައް ހުންނަ ޑޭޓާބޭސް ސައިޓުން ދައްކާ ގޮތުގައި އެ ޤައުމުގައި ޖުމްލަ 26،000 މީހުންގެ ގަތަށް މުއްދަތު ހަމަވެފައިވާ ވެކްސިން ޖަހައިފައި ވެއެވެ. މިމީހުންގެ ގަޔަށް ޖަހައިފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
މިކަމާ ގުޅޭ ގޮތުން ބްރެޒިލްގެ މުނިސިޕަލްޓީތަކުން ބުނެފައި ވަނީ، މުއްދަތު ހަމަވެފައިވާ ވެކްސިން ޖަހައިފައި ނުވާ ކަމަށާއި ވެކްސިން މުއްދަތު ހަމަވެފައިވާ ކަމަށް ސިސްޓަމުން ދައްކައިފައި ވަނީ ވެކްސިންގެ މަޢުލޫމާތު ނުބައިކޮށް އެންޓާ ކުރެވިފައިވާތީ ކަމަށެވެ.
ބްރެޒިލްގައި މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެފައި މިވަނީ ވެކްސިން ގަތުމުގައި އެ ގައުމުން ކޮރޮޕްޝަން ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.
ވެކްސިނުގެ މުއްދަތު ހަމަވުމުން ވެކްސިންގެ ބާރު ދަށްވެއެވެ. އެހެން ނަމަވެސް ވެކްސިންގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ލިބޭ ކަމެއް އަދި ހާމަވެފައެއް ނުވެއެވެ. އެފްރިކާގެ ބައެއް ޤައުމުތަކުން ގަނެފައިވާ ވެކްސިންގެ ޝިޕްމެންޓްތައް މުއްދަތު ހަމަވުމުން، މުއްދަތު އިތުރު ކުރާ މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވިއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގައި ވެކްސިން މުއްދަތު ހަމަވުމުން ވެކްސިންގެ ޑޯޒްތައް ވަނީ ނައްތައިލައިފައެވެ. މިގޮތުން މަލާވީގައި 20،000 އަށްވުރެ ގިނަ ޑޯޒް ވެކްސިން މިދިޔަ މެއި މަހުގެ ތެރޭގައި ނައްތައިލިއެވެ.