އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބަލައިގެންފި
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ ބޭސްފަރުވާއަށް ހަތަރު މަހަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ އޭނާއަށް ދެއްވައިފައެވެ.
އެންމެ ފުރަތަމަ ތުރުކީއަށް ފުރާވަޑައިގަތުމަށް ފަހު މިހާރު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު އެދިލެއްވީ އޭނާގެ ޝަރީއަތް އޮންލައިން ކޮށް ބާއްވައިދެއްވުމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޒީ ހަސަން ސައީދު ވަނީ އެ މައްސަލަ އެގޮތަށް ކުރިއަށް ގެންދެވުމަށް ނިންމަވައިފައެވެ.
އޮންލައިންކޮށް މައްސަލަ ނުބޭއްވޭނެ ކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ. އަދި އެ ކޯޓުން ވަނީ ދައުލަތުން ހުށަހެޅި އެ މައްސަލަ މިއަދު ބަލައިގެންފައެވެ.