ފިލިޕިންސްގައި ފަރުބަދައެއް ގޮވައި، ނުރައްކާތެރި ވިހަ ގޭހެއް ފެތުރެން ފަށައިފި!

ފިލިޕިންސްގައި އަލިފާން ފަރުބަދައެއް ގޮވައި، އެ ވައިގައި ވިހަ ގޭހެއް އުފެދެން ފަށައިފިއެވެ.
ބޭރުގެ މީޑީއާ ތަކުން ރިޕޯޓުކޮށްފައި ވާ ގޮތުގައި، އެ ފަރުބަދަ ގޮވި ސަރަހައްދުގައި ނުރައްކާތެރި ވިހަ ގޭހެއް އުފެދެމުން ދިއުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ 2،000 އަށްވުރެ ގިނަ މީހުން ވަނީ އެ އަވަށް ދޫކޮށް އެހެން އަވަށަކަށް ބަދަލުވެފައެވެ.
ގޮވައިފައި ވަނީ ފިލިޕިންސްގެ އަވަށެއް ކަމަށްވާ މާނިއާގައި ހުންނަ "ތާލް" ނަމަކަށް ކިޔާ އަލިފާން ފަރުބަދައެކެވެ. އަދި އެ ފަރުބަދަ ގޮވުމާއެކު ގިނަ އަދަދެއްގެ "ސަލްފަރޑައިއޮކްސައިޑް" ދަނީ ފެތުރެމުންނެވެ. މި ސަބަބަށް ޓަކައި ފިލިޕިންސްގެ ސަރުކާރުން ވަނީ އެ އަވަށުގައި އުޅޭ އެންމެން ވެސް އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައިފައެވެ. އަދި މިހާތަނަށް 2،400 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ސަލާމަތީ އައްސޭރިއަށް ދަތުރު ކޮށްފައެވެ.

ފަރުބަދަ ގޮވުމާ ގުޅިގެން ގިނަ އަދަދެއްގެ ވިހަ ގެސް އެކުލެވިގެންވާ ދުންގަނޑު ފެތުރެނީ
މި ހާދިސާއާ ގުޅިގެން އެ ސަަރަހައްދުގައި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ކޮވިޑާ ގުޅިގެން ބަންދު ކުރެވިފައި ހުރި ސުކޫލުތަކުގައި ވެސް ދިޔައީ އުޅެމުންނެވެ.
އެ ގައުމުގެ ސިވިލް ޑިފެންސް އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ލަފާ ކުރެވޭ ގޮތުގައި އެ ފަރުބަދަ ގޮވައިގެން ވައިގެ ތެރެއަށް ފެތުރެމުންދާ ނުރައްކާތެރި ވިހަ ގޭހުގެ އަސަރު 317,000 މީހުންނަށް ކުރާނެ ކަމަށެވެ.