ލުއި ޚަބަރު

ފިލިޕިންސްގައި ވެކްސިން ނުޖަހާ މީހުން ހައްޔަރުކޮށް، ގަދަކަމުން ފޫކޮޅަށް ވެކްސިން ޖަހާނެކަމުގެ އިންޒާރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ދެކޮޅު ހަދާ ފިލިޕިންސް މީހުންގެ ފޫކޮޅަށް ގަދަކަމުން ވެކްސިން ޖަހާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ދީފިއެވެ.

Ads by Hajj Corporation

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ ނަން މަޝްހޫރު ވެފައި ވަނީ ވެސް ހަރުކަށި އުސޫލުތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އެގޮތުން ފިލިޕިންސްގެ ރައްޔިތުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުން ނުވާ މީހުން އެ ޤައުމު ދޫކޮށް ދިޔުމަށް ވެސް ރޮޑްރިގޯ ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ޓީވީއަށް ދިން އިންޓަވިއު އެއްގައި ރޮޑްރިގޯ ބުނީ، ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނާ މެދު އޭނާގެ ކެތްތެރިކަން މިހާރު ކޮޅުންލައިފި ކަމަށާއި އެފަދަ މީހުންގެ ސަބަބުން ކޮވިޑް-19 ގެ މި އާލަމީ ވަބާ (ޕެންޑެމިކް) ކޮންޓްރޯލް ކުރަން ދަތިވެފައިވާ ކަމަށެވެ.

އުމުރުން 76 އަހަރުގެ ރޮޑްރިގޯ އިތުރަށް ބުނީ، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންގެ ލިސްޓެއް ހަދަން އެ ޤައުމުގެ އަވަށްތަކުގެ ލީޑަރުންނަށް ވެސް އަންގާނެ ކަމަށާއި ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ހައްޔަރު ވެސް ކުރާނެ ކަމަށެވެ.

"މިހަދަނީ ދޮގު ކަމަށް ހީނުކުރާތި. ވެކްސިން ޖަހަން ދެކޮޅު ހަދަންޏާ ހައްޔަރުކޮށްފަ، ގަދަކަމުން ފޫކޮޅަށް ވެކްސިން ޖަހާނަން. ޤައުމު މިއޮތީ ވަރަށް ސީރިއަސް ހާލަތެއްގައި" ރޮޑްރިގޯ ބުނެފައިވެއެވެ.

ރޮޑްރިގޯ އިތުރަށް ބުނީ ވެކްސިން ޖަހަން ބޭނުން ނުވަންޏާ އިންޑިއާ ނޫނީ އެމެރިކާ ފަދަ ޤައުމަކަށް ދިޔުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!