ޚަބަރު

ދަޢުވާކޮށްފި ނަމަ އިސްތިޢުފާ ދޭނަން:މަޙްލޫފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފްގެ މައްޗަށް ދައުވާ ކޮށްފިނަމަ، މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ

ކްލަބްހައުސް ގައި "މިނިސްޓަރ މަހްލޫފް މޫސަގެ ހޫނު ގޮނޑިއަށް" ބައްދަލުވުމުގައި، އެމްއެމްޕީއާރްސީގެ ތުހުމަތުގައި މިވަގުތު ސަސްޕެންޑު ކޮށްފައި ހުރުމުން، މަގާމުން އިސްތިއުފާ ދެއްވާނީ ކޮން އިރަކުންތޯ ސުވާލު ކުރާ ފަރާތްތަކަށް ދޭނެ ޖަވާބަކާ ބެހޭ ގޮތުން ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްފިއްޔާ އިސްތިއުފާ ދެއްވާނެ ކަމަށާއި އެންމެ ދުވަހަކު ވެސް އޭރުން އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ދައުވާއެއް ނުކުރޭ. ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ކަމެއް." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލަ ފުރިހަމަ ނުވާ ކަމަށާއި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ވިދާޅުވި ވާހަކަތަކަށް ވެސް މަހުލޫފް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

"ފުރިހަމައެއް ނުވެއޭ، ދައުވާ ކުރެވޭކަން ނެތޭ އޭރު ވެސް ބުނި. އަނެއްކާ އޭސީސީން މިހާރު ވެސް މިއޮތީ ފޮނުވައިފައި، މިހާރު ވާނުވާއެއް ނޭނގޭ. މި ދޭތެރޭގައި މިހެން ތަޅުވާ ފޮޅުވާ ބޯޅައެއް އަޅުގަނޑު މިއީ. އޭސީސީގެ ރައީސް ޝިއުނާ އަށް ހީވާ ކަހަލަ އަޅުގަނޑަކީ ބޯޅައެކޭ. ވެދާނެ ކަންނޭނގެ ކުޅިވަރު މިނިސްޓަރު ވީމަ އަޅުގަނޑު ބޯޅައެއްގެ ސިފައިގައި ފެންނަނީ ކަމަށް" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަޙްލޫފް ވިދާޅުވީ މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް ކަމަށާއި އެ މަނިކުފާނު ހުރި މަގާމުގެ ގޮތުން ވެސް މި މައްސަލަ ކޮންމެވެސް އެއް ގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ.

Ads by Ooredoo
  1. ކައްޓަލަ

    އޭސީސީގެ ރައީސް ވަރަށް ބޯޅަ ކުޅޭހިތް ވާނެ. އެހެންވީމަ ނެއްޓެން ނޭގިގެން އުޅެނީ.

    • މަހޭނެތިދާނޭ

      ބޮޑު ބޯޅަ ގޯލް އަށް ޖަހާތަން ފެންނަނީ. ޢަމާޒު ނުވެ ދަަނޑީގަ ޖެހިފަ ބޭރަށް ނުގޮސްސިއްޔާ ވެދާނެ. ސްކޯ ދިމާ ކުރާ ފަރާތަކަށް އިނާމު އޮވޭތަ.

  2. ޙަސަން

    އޭސީސީން މައްސަލަތައް ޝަރީޢަތަށް ފޮނުވަން ނިންމަނީ، އޭސީސީގެ ރައީސް އަމިއްލައަކަށް ނޫން. އެކަން ނިންމަނީ ކޮމިޝަނުގެ 5 މެންބަރުންގެ އަޣުލަބިއްޔަތުން. އޭސީސީން ކަންކަން ނިންމޭނީ އެގޮތަށް ކަމަށް އޭސީސީގެ ޤާނޫނުގައި ވަނީ ކަނޑައަޅާފައި. މިވަރު ނޭނގޭ މީހުން މިނިސްޓަރ ކަމަށް ކުފޫ ހަމައެއް ނުވޭ. ވީމާ، ރަނގަޅުވާނީ މިހާރުން މިހާރަށް އިސްތިޢުފާ ދިނުން.