ޚަބަރު

ލަންކާގައި ކުޑަ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ދިވެއްސަކު ހައްޔަރަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މުޙައްމަދު އަޝްމަލީ/ ފޮޓޯ: މިހާރު

އަވަށްޓެރި ޝްރީލަންކާގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށިވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ހިމެނޭކަން ކަށަވަރު ވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "މިހާރު"އިން ބުނެފައި ވަނީ ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ. އެ ދިވެއްސަކީ އަޝްމަލީކަން ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ އެ ނޫހަށް ޔަގީން ކޮށްދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަޝްމަލީ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށް ވެސް ލަންކާ ފުލުހުން ބުނެފައިވެއެވެ. އަދި އޭނާއަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

ހައްޔަރު ކުރި ދިވެހި މީހާ ކުޑަ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގިތޯ ސުވާލު ކުރުމުން، މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ، އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުނި ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް އަޝްމަލީގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!