ދުނިޔެ

ސައުދީ އަމީރަކު އަޅުންގެ ގޮތުގައި މުވައްޒަފުން ގެންގުޅުނު ކަމުގެ ތުހުމަތު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕެރިހުގައި ކުއްޔަށް ހިފައިފައި ހުރި އެޕާޓްމަންޓެއްގައި، ސައުދީ އަރަބިއާގެ އަމީރަކު އޭނާގެ ހަތް ، އަންހެން މުވައްޒަފެއް އަޅުންގެ ގޮތުގައި ގެންގުޅުނު ކަމަށް ބުނާ މައްސަލައެއް ފްރާންސުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި މި މައްސަލަ ފެންމަތިވެފައި މިވަނީ، އަޅުންގެ ގޮތުގައި ގެންގުޅުނު ކަމަށް ބުނި އަންހެނުން މި މައްސަލަ ޖެއްސުމުންނެވެ. އެ މީހުން 2019 ވަނަ އަހަރު ފުލުހަށް ގޮސް މައްސަލަ ހުށަހަޅަމުން ބުނެފައި ވަނީ ސައުދީގެ އެ އަމީރު އެމީހުން ގެންގުޅުނީ މި ޒަމާނުގެ އަޅުންތަކެއް ފަދައިން ކަމަށެވެ. އެގޮތުން އެމީހުން ލައްވާ 24 ގަޑިއިރު މަސައްކަތް ކުރުވި ކަމަށާއި ނަމަވެސް އުޖޫރައެއްގެ ގޮތުގައި ދެނީ މަހަކު އެންމެ 300 ޔޫރޯ ކަމަށް ވެސް ބުންޏެވެ.

ސައުދީގެ އެ އަމީރަށް މިފަދަ ތުހުމަތެއް ކޮށްފައިވީ ނަމަވެސް، ބޭރުގެ އެއްވެސް ރިޕޯޓެއްގައި އެ އަމީރުގެ ނަން ހިމަނައިފައެއް ނުވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސައުދީގެ އެ އަމީރު، އަޅުންގެ ގޮތުގައި ގެންގުޅެފައި ވަނީ ފިލިޕިންސްގެ ރައްޔިތުން ތަކެކެވެ. އެމީހުންގެ އުމުރުން ވާނީ 38 އަހަރާއި 51 އަހަރާ ދެމެދު ކަމަށް ވެސް ބުނެފައިވެއެވެ،

މި ހަތް އަންހެނުން އެ ޝާހީ އާއިލާއަށް ޚިދުމަތް ކޮށްދޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމުގައި ވެސް ބުނެފައިވެއެވެ. އަދި ޝާހީ އާއިލާއިން އެމީހުންނަށް އެކި ކަހަލަ ގޯނާ ކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ސައުދީ އަމީރު ކައިރިން އެ މުވައްޒަފުން ފިލީ، ސައުދީން ޕެރިހަށް އެމީހުން ގެންދަން އުޅުމުގެ ދަތުރެއްގެ މަތިން ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

"ލެ ޕެރިޝަން ނޫސްޕޭޕަރުން" ބުނެފައިވާ ގޮތުގައި އަމީރުގެ ހަތަރު ދަރިންނާއި އެ އާއިލާއަށް ޚިދުމަތް ކޮށްދިނުމަށް ފަހު ކާނެ ފުރުސަތު ވެސް ގިނަ ފަހަރަށް ނުލިބެއެވެ، އަދި ޝާހީ އާއިލާއިން އެ އަންހެނުން ނިންދެވީ ތަޅުންގަނޑު މަތީގައި ކަމަށް ވެސް ބުނެފައިވެއެވެ.

"އެ މީހުން ބުނި ގޮތުގައި އަމީރުގެ އާއިލާއިން އެމީހުންނަށް ކާން ވެސް ނުދޭ. އެ މީހުން ކާން ޖެހެނީ އެހެން މީހުން ކައިފައި ބާކީ ހުންނަ އެއްޗެހި. އަދި ކާން ފެށިޔަސް އެމީހުންނަށް ޖެހެނީ ޝާހީ އާއިލާއިން އެއްވެސް ކަމެއް ބޭނުން ވެގެން ގޮވައިފިނަމަ އަވަހަށް އެ ޚިދުމަތް ކޮށްދޭން ދާން" އެ ހަތް އަޅުންނަށް އެހީވި ޖަމިއްޔާއެއް ކަމުގައިވާ އެސްއޯއެސް އެސްކްލޭވްސްގެ ރައީސް އެނިކް ފޯގްރޫޒް އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެނިކް އިތުރަށް ބުނެފައި ވަނީ އެ ޖަމިއްޔާގެ މީހުންނާ އެ މުވައްޒަފުން އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ވެސް، އެމީހުން ތިބި ނިކަމެތިކަން ފެނިފައި އަދި ބަނޑުހައި ވެފައި ހުރިވަރު ފެނިފައި އެ ޖަމިއްޔާގެ އެންމެންގެ ހިތަށް ވެސް ވަރަށް އަސަރު ކުރިކަމަށެވެ.

މި މައްސަލައިގައި މީގެ ހަފްތާއެއް ކުރިން އެ އަންހެނުން ކޯޓަށް ހާޒިރުކޮށް އެމީހުންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ސައުދީގެ އެ އަމީރު ވެސް ހާޒިރުކޮށް ސުވާލުކުރަން ފަށާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!